ބޭސްފަރުވާއަށް ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅަށްފަހު ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ރާއްޖެ ވަޑައިގެންފި އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުން އަދީބު ބޭސްފަރުވާއަށް ފުރާވަޑައިގަތީ މިދިޔަ ޖުލައި މަހުގެ 11 ވަނަ ދުވަހު އެވެ. ހަތަރު ފަހަރެއްގެ މަތިން ކަރެކްޝަންސްއިން ވަނީ ބޭސްފަރުވާއަށް ދިން މުއްދަތު އިތުރު ކުރި އެވެ.

އޭނާ ރާއްޖެ ވަޑައިގަތީ ސިންގަޕޫޜު އެއާލައިންސްގެ ފްލައިޓަކުން މިރޭ 10:0 ހާއިރު އެވެ.

އެމްޓީޑީން ބުނީ އަދީބު ރާއްޖެ ވަޑައިގަތީ ފަރުވާގެ ފުރަތަމަ ބައި ނިންމުމަށްފަހު ކަމަށެވެ.

އެ ޕާޓީން ބުނީ ޑޮކްޓަރުންގެ ލަފާގެ މަތިން އަދީބުގެ ފަރުވާގެ ދެވަނަ އަދި އެންމެ ފަހު މަރުހަލާ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ކުރިއަށް ގެންދާނެ ކަމަށެވެ.

އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލަ އަދީބުގެ މައްޗަށް ސާބިތުވެ، 20 އަހަރުގެ ޖަލު ހުކުމެއް އިއްވާ، 2 މިލިއަން ރުފިޔާގެ ޖޫރިމަނާގެ ހުކުމެއް އަދީބުގެ މައްޗަށް އިއްވާފައިވަނީ 2020 ވަނަ އަހަރު އެވެ. އެހެންނަމަވެސް ދައުލަތާއެކު ހަދާފައިވާ އިއުތިރާފް އެއްބަސްވުމެއްގެ ދަށުން އަދީބު ހުންނަވަނީ ގޭބަންދުގަ އެވެ.