ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމަކާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނެގުމަށް ރައްޔިތުންގެ މަޖިލީހުން އަންގާފައިވާ އެންގުމާ އެއްގޮތަށް އަންނަ މަހުގެ 29 ވަނަ ދުވަހު އިންތިހާބު ބާއްވަން މަޝްވަރާ ކުރަމުން ދިޔަ ނަމަވެސް އެކަމަށް ބަޖެޓެއް ބޭނުންވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެ އެވެ.

އިލެކްޝަން ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުއާދު ވިދާޅުވީ ކޮމިޝަންގެ ތެރޭގައި އަދި މަޝްވަރާ ކުރެވެމުން ގޮސްފައި ވަނީ އޮކްޓޯބަރު 29 ގައި އިންތިހާބު ބާއްވަން ކަމަށެވެ. އަދި ބަޖެޓު ލިބިއްޖެ ނަމަ، ރައްޔިތުން ހޭލުންތެރި ކުރުވުވައި އެ ރައްޔިތުން ހޭލުންތެރި ކުރުވުމުގެ މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އިއްޔެ ވެސް އަޅުގަނޑުމެން މަސައްކަތް ކުރީ ނިޒާމީ ވޯޓެއް ނަގާ ކަމަށްވާ ނަމަ، އެ ތަބާވާން ޖެހޭ ގާނޫނެއް ނެތީމަ ގަވައިދެއް ހަދައި އެއާ ބެހޭ ގޮތުން މަޝްވަރާ ކުރުމުގައި. ހުރިހާ މެމްބަރުންނާއި ކޮމިޝަންގެ އިސް މުވައްޒަފުން ތިބެގެން އަދި ލީގަލް ބޭފުޅުންނާ އެކީގައި މި މަސައްކަތް އިރުއޮއްސެންދެން ކުރިއަށް ގެންދެވިފައި ވަނީ،" ފުއާދު ވިދާޅުވި އެވެ.

ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ ރައްޔިތުންގެ ހިޔާލު ހޯދަން ވޯޓު ނަގާއިރު އެ ނަގަނީ ކޮން މައުލޫއަކަށްކަން އަދި ކުރަން ޖެހެނީ ކޮން ސުވާލެއްކަން ސާފުވާން ޖެހޭ ކަމަށެވެ. ނަމަވެސް، މަޖިލީހުން އެކަން ހިއްސާކޮށްފައި ނެތް ކަމަށް ހަބީބު ވިދާޅުވި އެވެ.

"މިހާރު އަޅުގަނޑުމެން ދަންނަވާފައިވާނެ މަޖިލީހުގައި ރައްޔިތުންގެ ގާތު އަޅުގަނޑުމެން އިލެކްޝަން ކޮމިޝަނުން އަހަންވީ ކޮން ސުވާލެއްތޯ؟، އެ ސުވާލު ކޮބައިތޯ؟، އެ ސުވާލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ފޮނުއްވައި ދެއްވާށޭ،" ހަބީބު ވިދާޅުވި އެވެ.

ހަބީބު ވިދާޅުވީ ވޯޓެއް ނަގާ ކަމަށްވާނަމަ، ވޯޓާސް ރަޖިސްޓްރީއެއް އޮންނަން ޖެހޭ ކަމަށާއި ޝަކުވާ ހުށަހެޅޭނެ ގޮތްތަކާއި ތައްޔާރުވާން ގިނަ ކަންކަން ހުންނާނެ ކަމަށެވެ. ނަމަވެސް ބަޖެޓް ނުލިބިއްޖެ ނަމަ، ނިޒާމީ ވޯޓަކީ ނެގޭނެ ވޯޓެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

ހަބީބު ވިދާޅުވީ ނިޒާމީ ވޯޓަކަށް ދާން މަޖިލީހުން އެންގިއިރު، މިފަދަ ވޯޓުތަކުގައި އަމަލުކުރާނެ ގޮތެއް ގާނޫނެއްގައި ލިޔެފައި ނެތުމަކީ ވެސް ކަންބޮޑުވުމެއް ކަމަށެވެ.

"ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނަގާއިރު މި ބާރު ރައިސުލްޖުމްހޫރިއްޔާއަށް ވެސް އަދި ރައްޔިތުންގެ މަޖިލީހަށް ވެސް ދެވިފައި އޮންނައިރު މިކަމުގައި އަމަލު ކުރާނެ ގޮތެއް މި ވޭތުވެދިޔަ 15 އަހަރު ތެރޭ ގާނޫނީ ސިފައެއްގައި މަޖިލީހުން އައިސްފައެއް ނެތް،" ހަބީބު ވިދާޅުވި އެވެ.