ރާއްޖޭގެ ވެރިކަމުގެ ނިޒާމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ރައްޔިތުންގެ މަޖިލީހުން ގަރާރެއް ފާސްކޮށް އިލެކްޝަންސް ކޮމިޝަނަށް ފޮނުވާފައިވީ ނަމަވެސް އެފަދަ ވޯޓެއްގައި ރައްޔިތުން ކައިރިން އަހަން ޖެހެނީ ކޮން ސުވާލެއްކަން ސާފު ނުވާ ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.

އަންނަ މަހުގެ 30 ވަނަ ދުވަހުގެ ކުރިން ވެރިކަމުގެ ނިޒާމާ ގުޅެގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފައެވެ. އަދި މަޖިލީހުން ވަނީ އިލެކްޝަންސް ކޮމިޝަނަށްވެސް އަންގާފަ އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރާގޮތުން މިއަދު އީސީ އިން ބެއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނަގާއިރު އެވޯޓު ނަގަނީ ކޮން މައުލޫއަކަށް ކަމާ އަދި ރައްޔިތުން ކުރެން އަހަން ޖެހެނީ ކޮން ސުވާލެއްކަން ކޮމިޝަނަށް ސާފުވާން ޖެހެ ކަމަށެވެ.

ހަބީބު ވިދާޅުވީ މަޖިލީހުން އެކަން ކޮމިޝަނާ ހިއްސާ ކޮށްފައި ނެތް ކަމަށެވެ. އަދި އެ ސުވާލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ފޮނުވައި ދިނުމަށް އެދިފައިވާނެ ކަމަށް ހަބީބު ވިދާޅުވި އެވެ.

"އެ ސުވާލާ އެކު އެބަ ބޭނުންވޭ އެހެން މައުލޫމާތު ވެސް. އެ ސުވާލާ ގުޅިގެން ހުރި ހުއްޖަތްތައް ހުރެދާނެ ވަކި ކޮޅެއްގައި. އޭގައި ހުރި ފައިދާތަކާއި ގެއްލުންތައް، ވޯޓުލާން ދާއިރު އެބަ އެނގެން ޖެހޭ ވޯޓުލާން މި ޖެހެނީ ކީއްވެކަން،" ހަބީބު ވިދާޅުވި އެވެ.

ހަބީބު އިތުރަށް ވިދާޅުވީ ނިޒާމީ ވޯޓަކަށް ދާއިރު ބަޖެޓެއް ބޭނުން ވާނެ ކަމަށާ އެބަޖެޓު ހޯދުމަށް މަޖިލީހުގައި އެދިފައިވާނެ ކަމަށް ހަބީބު ވިދާޅުވި އެވެ.

ނިޒާމީ ވޯޓާ ގުޅެގޮތުން ގާނޫނީ ލަފާ ހޯދުމަށް ފަހު ޖަވާބު ބޭނުންވާ ބައެއް ކަންކަން ހުރުމުން އެކަންކަން ސާފު ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް ވަނީ ހުށަހަޅާފަ އެވެ.

ދިވެހިރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމަށް، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ޤަރާރު، ކޮމިޝަނަށް މިއަދު ލިބުމާއެކު އެގަރާރާ މެދު، ކޮމިޝަނުން އަމަލު ކުރާނޭގޮތުގެ ޤާނޫނީ ލަފާ ހޯދުމަށްފަހު، އެފަދަ ވޯޓެއް ނެގުމުގެ ކުރީން، ޖަވާބު ބޭނުންވާ ކަންކަމާ ގުޅޭގޮތުން، އިލެކްޝަންސް ކޮމިޝަނުން މަޖިލީހުގައި އެދިފައިވާ ކަމަށެވެ.