މާލެ ސަރަހައްދުން އިތުރަށް ފްލެޓާއި ގޯތި ދިނުމަށް މިއަދު ހުޅުވާލޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީން މިއަދު ވިދާޅުވީ ސަރުކާރުން ގެންގުޅޭ ބޯހިޔާ ވަހިކަމުގެ މަޝްރޫއުގެ ތެރެއިން 6،000 ފްލެޓާއި 4،500 އަށް ވުރެން ގިނަ ގޯއްޗަށް ހުޅުވާލާނެ ކަމަށެވެ.

އަކުރަމް ވިދާޅުވީ މާލެ ސަރަހައްދުން އިތުރަށް ބިމާއި ގޯތި ދޫކުރުމަށް ނިންމާ މާދަމާ ނޫނީ މިއަދު އެތަންތަނާ އެކު އިއުލާން ކުރަނެ ކަމަށެވެ. އަކުރަމް ވިދާޅުވީ ހުރިހާ އެންމެންނަށް ވެސް ބޯހިޔާވަހިކަން ހޯދައިދޭނެ ކަމަށަ ކުރިމަތިލައިގެން ޝަރުތު ހަމަވާ އެންމެންނަށް ގޯތި އަދި ފްލެޓް ޔަގީން ކޮށްދެއްވާނެ ކަމަށެވެ.

މާލޭގައި ދިރިއުޅޭތާ 20 އަހަރުވެފައިވާ އެންމެންނަށް މާލޭން ގޯއްޗާއި ފްލެޓް ދޭން ނިންމާފައިވާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފަ އެވެ. އަކުރަމް ވިދާޅުވީ އެކަމާ ގުޅޭ ސްކީމްއެއް ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށެވެ

މާލޭގެ ރައްޔިތުންގެ ތެރެއިން 19،000 މީހުންނަށް ގޯތި އަދި 16،000 މީހުންނަށް ފްލެޓް ދިނުމަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ.

ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ތެރެއިން 18،995 ފަރާތަކަށް 9،003 ގޯތި މާލޭ ސަރަހައްދުން ދޫކުރެވިގެން ދާނެ އެވެ. މިގޯތިތަށް ދޫކުރެވޭނީ ހުޅުމާލެ ފޭސް 2، ފޭޭސް 3، ގުޅިފަޅު އަދި ގިރާވަރު ފަޅުންނެވެ.

މި ޕްރޮޖެކްޓްގައި ހުޅުމާލެއިން 1،351 ބިން، ގުޅިފަޅުން 2،218 ބިން އަދި ގިރާވަރު ފަޅުން 5،432 ބިން ދީފައިވެ އެވެ. އެއީ ޖުމްލަ 9،001 ގޯއްޗެވެ. ސަރުކާރުން ބުނެފައިވަނީ ޝަރުތު ހަމަވާ އެންމެންނަށް ވެސް ގޯތި ލިބޭނެ ކަމަށެވެ.

"ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓް މި ހަފުތާގައި އާއްމުކުރާނެ ކަމަށް ބުނެފައިވީ ނަމަވެސް އަދި އެ ލިސްޓު އާންމުކޮށްފައެއް ނުވެ އެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓަށް އެދި ހުށަހެޅުމުން 20،697 މީހުން ފޯމު ހުށަހަޅާފައިވެ އެވެ. މީގެ ތެރެއިން ދެ ކޮޓަރީގެ ފްލެޓަށް 6،208 މީހުން އަދި ތިން ކޮޓަރީގެ ފްލެޓަށް 14،489 މީހުން ހުށަހަޅާފައިވެ އެވެ. ސަރުކާރުން ނިންމާފައި ވަނީ ޝަރުތު ހަމަވާ އެންމެންނަށް ފްލެޓް ދިނުމަށެވެ. އެހެން ކަމުން ޝަރުތު ހަމަވާ 13،500 މީހުންނަށް ވާވަރަށް ފްލެޓް އިމާރާތް ކުރަން ޖެހެ އެވެ.