ދަ ޑިމޮކްރެޓްސް ޕާޓީގެ އެތެރޭގެ އިންތިހާބުގައި އެ ޕާޓީގެ ރައީސް ކަމަށް އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވާދަކުރައްވަން ނިންމަވައިފި އެވެ.

އަމްރުއަކީ މި މަހުގެ 9 ގައި ބޭއްވި ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓު އިލްޔާސް ލަބީބްގެ ރަނިންމޭޓެވެ.

ޑިމޮކްރެޓްސްގެ އިންޓަރިމް ކައުންސިލް ބައްދަލުވުމަށް ފަހު، އަމްރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިންތިހާބު އިއުލާނު ކުރުމުން ރައީސް ކަމަށް ވާދަކުރައްވާނެ ކަމަށެވެ. އެނގިފައިވާ ގޮތުގައި ޕާޓީގެ ރިޔާސީ ކެންޑިޑޭޓު އިލްޔާސް އާއި ވަގުތީ ޗެއާޕާސަން ވެސް ވަނީ އެ މަގާމަށް ވާދަކުރައްވަން ޝައުގުވެރިކަން ފާޅުކުރައްވަ އެވެ.

ދަ ޑިމޮކްރެޓްްސްއަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު އިސްވެ އުފެއްދެވި ސިޔާސީ ޕާޓީއެކެވެ. އެޕާޓީ އުފެދުނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށްފަހު، އެތެރޭގައި އުފެދުނު ޚިޔާލު ތަފާތުވުމުގެ ތެރެއިންނެވެ.

ޑިމޮކްރެޓްސްގެ އެތެރޭގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ ޑިސެމްބަރު 2 ގަ އެވެ. އެގޮތަށް ފާސް ކުރީ ޑިމޮކްރެޓްސްގެ އިންޓަރިމް ކައުންސިލް ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި 31 މެމްބަރުން އިއްތިފާގުންނެވެ.