ބަރުލަމާނީ ނިޒާމުގައި ރައީސުލްޖުމްހޫރިއްޔާގެ މަގާމަކީ ރައްޔިތުންގެ ސިއްރު ވޯޓަކުން އިންތިހާބުކުރާ މަގާމެއްގެ ގޮތުގައި ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވި ބަރުލަމާނީ ނިޒާމުގެ ކަރުދާހުގައި ހިމަނުއްވައިފި އެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ރައްޔިތުންގެ މަޖިލީހަށް މިހާރު ވަނީ ގަރާރެއް ހުށަހަޅަފަ އެވެ. އަދި ރައްޔިތުންގެ މަޖިލީހުން އެގަރަރު ފާސްކޮށް މިހާރު ވަނީ އިލެކްޝަންސް ކޮމިޝނަށް ހުށަހަޅަފަ އެވެ.

ރާއްޖޭގައި އޮންނަން ފެންނަ ނިޒާމަކާ ބެހޭ ގޮތުން ވޯޓު ނެގުމުގެ މަސައްކަތް ފަށަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވަނީ މަޝްވަރާ ކުރައްވާފަ އެވެ.

ބަރުލަމާނީ ނިޒާމުގައި ރައީސުލްޖުމްހޫރިއްޔާގެ މަގާމަކީ ރަމްޒީ މަގާމެކެވެ. އަދި ބައެއް ގައުމު ތަކުގައި ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިހާބު ކުރަނީ ރައްޔިތުންގެ އާންމު ވޯޓަކުންނެވެ. އަނެއް ބައި ގައުމުތަކުގައި ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އައްޔަން ކުރަނީ ރައްޔިތުންގެ މަޖިލީހުންނެވެ.

ބަރުލަމާނީ ނިޒަމަށް ބަދަލުކުރުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ތައްޔާރުކޮށްފައިވާ ކަރުދާސް މިއަދު އެމަނިކުފާނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ އިއްވާފަ އެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލު ކުރިޔަސް، ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިހާބު ކުރާނީ ރައްޔިތުންގެ ސީދާ ވޯޓަކުންނެވެ. އަދި ސަރުކާރު ހިންގުމުގެ ހުރިހާ ބާރެއް އޮންނާނީ މަޖިލީހުގެ މެމްބަރުންގެ ތެރެއިން މަޖިލީހުން އިންތިހާބުކުރާ ބޮޑުވަޒީރަށް އެކަނި ކަމަށް އެ ކަރުދާހުގައިވެ އެވެ.

ރައީސް ނަޝީދުގެ ކަރުދާހުގައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާ އަކީ ދައުލަތުގެ އެންމެ އިސް ވެރިޔާ އެވެ. އަދި މިހާރުވެސް އޮންނަ ގޮތަށް ރައްޔިތުންގެ މަޖިލީހުން ބިލެއް ފާސްކޮށް އޭތި ގަނޫނަކަށް ވަނީ ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވުމުންނެވެ.

ސަރުކާރު ހިންގުމުގެ އެންމެ މަތީ ވެރިޔަކީ ބޮޑު ވަޒީރެވެ. ބޮޑު ވަޒީރަކީ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވާ މެންބަރުންގެ ތެރެއިން، މެޖޯރިޓީ ޕާޓީން ކަނޑައަޅާ އެ ޕާޓީގެ ލީޑަރެވެ. އަދި ބޮޑު ވަޒީރުގެ ކެބިނެޓަށް ވަޒީރުން އައްޔަން ކުރަނީ މެޖޯރިޓީ ޕާޓީއަށް ނިސްބަތްވާ މަޖިލީހުގެ މެންބަރުންގެ ތެރެއިންނެވެ.