ޓްރެފިކް ގަވައިދާ ހިލާފުވެގެން ކޮށްފައިވާ ޖޫރިމަނާތައް މާފްކޮށްދިނުމަށް އެދުމުގެ ފުރުސަތު ޓްރާންސްޕޯޓް މިނިސްޓްރީން ހުޅުވާލައިފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައި ވަނީ ޓްރެފް ގަވާއިދާ ހިލާފުވެގެން ކޮށްފައިވާ ޖޫރިމަނާ ދެއްކުމަށް ލުޔެއް ދެއްވުމުގެ ގޮތުން، 2018 ވަނަ އަހަރުގެ ނޮވެމްބަރު 17 ވަނަ ދުވަހުން ފެށިގެން މި މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ޓްރެފިކާ ގުޅިގެން ކުރެވިފައިވާ ޖޫރިމަނާ މައާފުކުރެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމާފައިވާ ކަމަށެވެ. އެހެންވީމާ މިއަދުން ފެށިގެން އަންނަ މަހުގެ 25 ވަނަ ދުވަހާ ހަމައަށް މިނިސްޓްރީގެ ސިމްސް ޕޯޓަލް މެދުވެރިކޮށް އެކަމަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ.

ޖޫރިމަނާ މައާފުކުރެވޭނީ ޓްރެފިކާ ގުޅޭ ގަވާއިދުތަކާއި އިޖުތިމާއީ އެހެން މައްސަލަތަކަށް ހޭލުންތެރި ކުރުމަށް ފުލުހުން ހަދާފައިވާ 20 ގަޑިއިރުގެ ޓްރެއިނިން ޕްރޮގްރާމެއް ފުރިހަމަކުރުމުން ކަމުގައި މިނިސްޓްރީން ބުނެ އެވެ.

ޓްރެފިކް ގަވާއިދާ ހިލާފުވެގެން އަރަފައިވާ ހުރިހާ ޖޫރިމަނާާއެއް މާފްކޮށްދޭން ރާއީސުލްޖުމްހޫރިއްޔާ އިބްރަހީމް މުހައްމަދު ޞޯލިހު ވަނީ މި މަހުގެ 5 ވަނަ ދުވަހު ނިންމަވައިފަ އެވެ. ރައީސް އެގޮތަށް ނިންމެނީ މި މަހުގެ 5 ވަނަ ދުވަހުގެ ރޭ ބޭއްވި އެމަނިކުފަނުގެ ކެމްޕެއިން ޖަލްސާގަ އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ މާލޭގައި އެކަށީގެންވާ ވަރަށް ޕާކު ކުރާނެ ޖާގަނެތި، ސްޓިކާ ޖަހަމުން ދިޔުމުގެ ސަބަބުން ޖޫރިމަނާ އިތުރުވާ ކަމުގެ ޝަކުވާ ރައްޔިތުންގެ ފަރާތުން ރައީސަށް ލިބެމުންދާ ކަމަށެވެ. އަދި އެކަން އެގޮތަށް ހިނގަމުންދާކަށް ރައީސަށާއި، ސަރުކާރަށް ވެސް ގަބޫލުކުރެއްވޭތީ، ޖޫރިމަނާތައް މައާފްކޮށްދެއްވަން ނިންމެވީ ކަމަށް ވިދާޅުވި އެވެ.