ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމުތަކުގައި ހިންގާ ސްކޭމުތަކުގެ އަދަދުތައް އިތުރުވަމުންދާތީ އެކަމަށް އިތުރު ސަމާލުކަމެއް ދިނުމަށް ބީއެމްއެލް އިން އިލްތިމާސްކޮށްފި އެވެ.

ބީއެމްއެލް އިން ބުނީ މިފަހަކަށް އައިސް އަސްލު މީހުންގެ ނަމުގައި ވަގު އެކައުންޓުތައް ހަދައިގެން ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމުތަކުގައި ހިންގާ ސްކޭމުތަކުގެ އަދަދުތައް އިތުރުވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެގޮތުން އަސްލު މީހެއްގެ ފޮޓޯ ޕްރޮފައިލްގައި ބޭނުންކޮށްގެން ފޭކް އެކައުންޓްތައް ހަދައި މީހުންނާ ވާހަކަދައްކައި އިތުބާރު ހޯދުމަށް ފަހު ފައިސާ އިންވެސްޓް ކުރުމަށް އެދޭ ކަމަށް ބީއެމްއެލް އިން ބުނެ އެވެ.

މީގެ އިތުރުން ރާއްޖޭން ބޭރުން ގެންނަ ޕްރޮޑަކްޓްތަކަށް ނުވަތަ ހަދިޔާތަކަށް ކަސްޓަމްސް އިން ކްލިއަރެންސް ފީ ދައްކަންޖެހޭ ކަމަށް ބުނެ މެސެޖުތައް ވެސް ކުރަމުން އަންނަ ކަމަށްނވެސް ބީއެމްއެލް އިން ބުނެ އެވެ.

ބީއެމްއެލް އިން ބުނީ ނަންބަރުތަކުން ގުޅައިގެންނާއި ވައިބާ، ވަޓްސްއެޕް މެދުވެރިކޮށް ވެސް އާންމުންނަށް މެސެޖުކޮށް އޮޅުވާލައިގެން ފައިސާ ހޯދުމުގެ ކަންކަން ކުރަމުންދާކަން ފާހަގަކުރެވޭ ކަމަށެވެ.

ބީއެމްއެލް އިން ބުނީ މިފަދަ މައްސަލަތައް އިތުރުވަމުންދާތީ ރައްޔިތުން އެކަމަށް ހޭލުންތެރިކުރުމަށް ބޭންކުން ވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން ބޭންކުގެ ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި އެކި ކަހަލަ މެސެޖުތައް ދެމުން އަންނަ ކަމަށް ވެސް ބީއެމްއެލްއިން ބުނެ އެވެ.

މިފަދަ މައްސަލަތައް އިތުރުވަމުން އަންނާތީ ބީއެމްއެލް އިން ވަނީ ސެކިއުރިޓީ ވަރުގަދަކުރަން ފިޔަވަޅުތައް އަޅައިފަ އެވެ. ބީއެމްއެލްގެ އިންޓަނެޓް ބޭންކިން އާއި ކާޑުތަކުގެ ސެކިއުރިޓީ ވަރުގަދަ ކުރުމަށް "ކިލް ސްވިޗް" ފީޗާއެއް ތައާރަފް ކުރުމުގެ އިތުރުން ބީއެމްއެލްގެ އެޕްލިކޭޝަނަށް "ޓޫ ފެކްޓާ އޮތެންޓިކޭޝަން" ވެސް ތައާރަފްކޮށްފައިވެ އެވެ. ކިއުއާރް ޕޭމަންޓް ހަދަން އޯޓީޕީ ޖަހަން ޖެހޭ ގޮތަށް ހެދި އެވެ. އިންޓަނެޓް ބޭންކިން އަދި މޮބައިލް ބޭންކިން ހިދުމަތް މެދުވެރިކޮށް، ކުރާ ހުރިހާ މުއާމަލާތުތަކަށް ބޭނުންވާ ވަން ޓައިމް ޕާސްވޯޑް (އޯޓީޕީ) އީމެއިލަށް ފޮނުވުން ވަނީ ހުއްޓާލައިފަ އެވެ.