ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި މަސައްކަތްކުރި އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލުންނަށް މިހަފްތާ އެލަވަންސް ދޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ޓްރެއިނަރުންނާއި، ކޯޑިނޭޓަރުންނާއި، ލިއޭޒަން އޮފިސަރުންނާއި، މާލޭ ސަރަހައްދުގެ ވޯޓުލާ މަރުކަޒުތަކުގައި މަސައްކަތް ކުރި އޮފިޝަލުންނާއި، ރިޒާވް އޮފިޝަލުންގެ އެލަވަންސް މި ހަފްތާގައި ޖަމާވާނެ ކަމަށެވެ.

މީގެ އިތުރުން އަތޮޅުތަކުގެ ބައިގެ މަސައްކަތް ވެސް ބާރަށް ކުރިޔަށް ދާ ކަމަށް ހަބީބު ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 5000 އަށް ވުރެ ގިނަ އޮފިޝަލުން މަސައްކަތްކޮށްފައިވެ އެވެ. އިންތިހާބުގައި ހަރަކާތްތެރިވި އޮފިޝަލުންނަށް އެލަވަންސް ދިނުމަށް ގާތްގަނޑަކަށް 18 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުވާނެ ކަމަށް އީސީ އިން ބުނެ އެވެ. އަދި ދެވަނަ ބުރުގައި އޮފިޝަލުންގެ އަދަދު އިތުރު ވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.

ވޯޓުލާ މަރުކަޒުގެ ވެރިއެއްގެ އުޖޫރައަކީ 1500 ރުފިޔާއެވެ. އަދި ވޯޓުލާ މަރުކަޒުގެ ވެރިޔާގެ އެހީތެރިޔަކަށް 1200 ރުފިޔާ އަދި ވޯޓުލާ މަރުކަޒުގެ އޮފިޝަލެއް ނަމަ 1000 ރުފިޔާއެވެ. އަދި ރިޒަރވް އޮފިޝަލުންނަށް 500 ރުފިޔާ ދިނުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމަވާފަ އެވެ.