މާދަމާ އޮންނަ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ބޭނުންވާ ސާމާނާއި އޮފިޝަލުން ވޯޓުލާ ތަންތަނަށް ފޮނުވާ، އިންތިޚާބަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ވަނީ ފުރިހަމައަށް ތައްޔާރުވެފައި ކަމަށް އެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެ އެވެ.

އިންތިޚާބުގެ ތައްޔާރީތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ފުއާދު ވިދާޅުވީ، އިންތިޚާބުގެ ފުރަތަމަ ބުރުގައި ކުރިމަތިވި ކަންކަމަށް ބަލާ ގެންނަންޖެހޭ ބަދަލުތަކާއި ހައްލުތައް މިބުރުގައި ގެނެސްފައިވާނެ ކަމަށެވެ. އަދި ޚާއްސަކޮށް ވޯޓުލާ މަރުކަޒުތަކުގައި ބައިބޯވެ ދިމާވި ދަތިކަމަށް މިފަހަރު ޙައްލު ގެނެސްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެގޮތުން މިގޮތަށް ހުރި ފޮށިތައް ވަނީ، އެހެން މަރުކަޒުތަކަށް ބަދަލުކޮށްފަ އެވެ.

ފުއާދު ވިދާޅުވީ އަތޮޅުތަކާއި ރާއްޖެއިން ބޭރުގައި ވޯޓުލުމަށް ބޭނުންވާ ސާމާނާއި، އޮފިޝަލުން ވެސް މިހާރު އެތަންތަނަށް ފޮނުވާފައިވާ ކަމަށެވެ. އަދި އަތޮޅު ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ސާމާނު، ރަށްރަށަށް ފޮނުވުމުގެ މަސައްކަތް ވެސް ކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފުއާދު ވިދާޅުވީ އިންތިހާބަށް ބޭނުންވާ މިންވަރަށް އޮފިޝަލުން ހޯދާފައިވާ ކަމަށާއި، މާދަމާ ހެނދުނު 7:00 ގައި ވޯޓުލާ މަރުކަޒުތަކުގައި އޮފިޝަލުން ހަރަކާތްތެރިވާން ފަށާނެ ކަމަށެވެ. އަދި ރީ ރެޖިސްޓްރޭޝަނާއި ގުޅޭގޮތުން އޭރު އައި މައްސަލަތައް ވެސް މުޅިން ހައްލުކޮށް، ވޯޓު ލުމުގެ ހުރިހާ ތައްޔާރީތައް ނިމިިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ހަގީގީ ޝަކުވާ ގޮތުގައި އައީ ދެ ޝަކުވާއެއް. އެއީ ނޭނގި ރަޖިސްޓާކޮށްފައިވުމުގެ ދެ މައްސަލަ. އެކަންކަން ވެސް ހައްލުކުރިން. ދެން ވެސް ހުރި ކުދިކުދި މައްސަލަތައް ވެސް ހައްލުކުރިން. އެހެންވީމަ ލިސްޓުގައި ވެސް މައްސަލައެއް އޮތްކަމަށް ފަހުން އައިސްފައެއް ނެތް،" ފުއާދު ވިދާޅުވި އެވެ.

އިންތިޚާބުގެ ވޯޓުލުން ރާއްޖޭގެ ހުރިހާ މަރުކަޒުތަކުގައިވެސް ފަށާނީ ހެނދުނު 8:00 ގަ އެވެ. އެހެން ގައުމުތަކުގައި އެ ގައުމަކަށް ކަނޑައަޅާފައިވާ ވަގުތުގައި ފަށާނެ އެވެ.

ވޯޓުލާން ދާ މީހާއަށް ވޯޓުލާ މަރުކަޒަަށް ވެއްދޭނީ، އެ މީހަކީ ކާކުކަން އަންގައިދޭ ރަސްމީ އައިޑީ ކާޑް، ޑްރައިވިން ލައިސަންސް، ޕާސްޕޯޓް ނުވަތަ ޕާސްޕޯޓު ކާޑެވެެ. އަތްދަބަހާއި ފޯނު މަރުކަޒަށް ވެއްދުން މަނާވާނެ އެވެ. ދެން ގެންދެވޭނީ ކަރުދާހުގައި ފާހަގަ ޖެހުމަށް، ނޫ ނުވަތަ ކަޅު ކުލައިގެ ގަލަމެކެވެ. ވޯޓިން ބޫތުތަކުގައި ވެސް ގަލަން ހުންނާނެ އެވެ.

ވޯޓު ލާން ދާއިރު، ޚާއްސަ އެހީއަށް ބޭނުންވާ މީހުންނާއި މާބަނޑު މީހުން، އުމުރުން ދުވަސްވީ މީހުން އަދި އެކިއެކި ޔުނީފޯމް ބޮޑީތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ކިއުގައި ނުޖެހި ވޯޓު ލެވޭނެ އެވެ.

މި އިންތިޚާބުގައި ވެސް ލޯފަން މީހުންނަށް އަމިއްލައަށް، ޓެމްޕްލޭޓް ބޭނުންކޮށްގެން ވޯޓު ލެވޭނެ އެވެ. ނަމަވެސް އެހީތެރިއަކު ގެންދަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ވެސް އޮންނާނެ އެވެ.

ވޯޓުލުން ކުރިއަށްދާނީ ހަވީރު 5:00އާ ހަމައަށެވެ. އަދި 5:00 އާ ހަމަޔަށް ކިއުގަައި ޖެހިފައި ނުވާ މީހުންނަށް ވޯޓެއް ނުލެވޭނެ އެވެ.

ވޯޓު ގުނަން ފަށާނީ ފޮށި ބަނދުކޮށް، 30 މިނެޓު ފަހުންނެވެ. ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުލުމުގެ ހައްގު 282،804 މީހަކަށް ލިބެ އެވެ.