ލ. ފޮނަދޫގައި ވޯޓު ކަރުދާހުގައި ކުރެހި އޮފިޝަލް މަސައްކަތުން ދުރުކޮށް، އާ ފޮށްޓަކަށް ވޯޓުލާން ފަށައިފި އެވެ.

ލ. ފޮނަދޫ ވޯޓުލާ މަރުކަޒުގައި އޮފިޝަލަކު ވޯޓު ކަރުދަހުގައި ކުރަހާފައި ދޭ މައްސަލައެއް ފެންމަތިވެ، އެކަން ބަލަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އެ މައްސަލަ އިލެކްޝަންސް ކޮމިޝަނުން ވެސް ވަނީ ބަލައި ފިޔަވަޅު އަޅައިފަ އެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ ފޮނަދޫ ތިން ނަމްބަރު ވޯޓު ފޮށީގެ އޮފިޝަލަކު ވޯޓު ކަރުދަހުގައި ކުރަހާފައިދޭ ކަމުގެ ޝަކުވާތަކެއް ލިބިފައިވާ ކަމަށެވެ. އަދި އެ އޮފިޝަލް މަސައްކަތުން ދުރުކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހަބީބު ވިދާޅުވީ ކުރަހާފައިވާ ކަމަށް ބުނާ ވޯޓުކަރުދާސް އޮތް ފޮށީގެ ބަދަލުގައި އާ ފޮށްޓަކަށް ވޮޓުލާން ފަށާފައިވާ ކަމަށެވެ. އެހެން ނަމަވެސް ކުރީގެ ފޮށިގައި ހުރި ވޯޓުތައް ވެސް ގުނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ވޯޓު ކަރުދާސް ދެއްކުމާއި ވޯޓު ކަރުދާސް ފޮޓޯ ނެގުމާ ގުޅިގެން މިހާތަނަށް 10 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް އެ މުއައްސަސާއިން ބުނެ އެވެ. އަދި އޭގެ ތެރެއިން 7 މީހަކު ވަނީ ދޫކޮށްލާފަ އެވެ.