ރާއްޖެއާއި ޗައިނާ ސަރުކާރާ ދެމެދު ބާއްވާ މަތީ ފެންވަރުގެ މަޝްވަރާތަކުގެ ހަތް ވަނަ ބުރު މާދަމާ ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.

ފޮރިން މިނިސްޓްރީން މިއަދު ބުނީ ދިވެހި ސަރުކާރުގެ ފަރާތުން މި މަޝްވަރާތަކުގައި އިސްކޮށް ބައިވެރިވެވަޑައިގަންނަވާނީ ސްޓޭޓް މިނިސްޓަރު އަހުމަދު ޚަލީލު އެވެ. އަދި ޗައިނާ ސަރުކާރުގެ ފަރާތުން އިސްކޮށް ބައިވެރިވެވަޑައިގަންނަވާނީ ވައިސް މިނިސްޓަ އޮފް ފޮރިން އެފެއާޒް ލޫ ޝައުހުއީ އެވެ.

"މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވޭނީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި، ކޮވިޑް-19 އާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކާއި އަދި ބައިނަލްއަގުވާމީ މަސްރަހުގައި ގުޅިގެން މަސައްކަތްކުރުމާ ބެހޭ ގޮތުން. މީގެ އިތުރުން ކޮވިޑް-19އިން އަރައިގަނެ، އިގްތިސާދު ކޮޅަށް ޖެހުމަށް ކުރެވިދާނެ މަސައްކަތްތަކާ ބެހޭ ގޮތުންނާއި، ދެ ގައުމުގެ މެދުގައި ވިޔަފާރިއާއި ފަތުރުވެރިކަން ވީހާ ވެސް އަވަހަކަށް އިއާދަކުރުމާ ބެހޭ ގޮތުން މަޝްވަރާކުރެވޭނެ،" އެ މިނިސްޓްރީން ބުންޏެވެ.

ފޮރިން މިނިސްޓްރީން ބުނިގޮތުގައި ކޮވިޑް-19ގެ ސަބަބުން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް މަސައްކަތްކުރާ މިދަނޑިވަޅުގައި ޗައިނާ ފަދަ ތަރައްގީގެ ބައިވެރިންނާއެކު މަޝްވަރާތައް ކުރިއަށް ގެންދިޔުމަށް ދިވެހި ސަރުކާރުން އޮތީ ތައްޔާރަށެވެ. އެގޮތުން މި އަހަރު އިތުރު ދާއިރާތަކުން ގުޅުން ބަދަހިކޮށް، ކުރިއަށް ހުރި ޕްރޮޖެކްޓްތަކާ ބެހޭ ގޮތުން ދިވެހި ސަރުކާރުން މަޝްވަރާކުރާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

"މި ގޮތަށް ބާއްވަމުން އަންނަ ބައިލޭޓަރަލް ކޮންސަލްޓޭޝަން ވެފައިވަނީ ދެ ގައުމުގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް، ކުރެވޭ މަސައްކަތްތަކާ ބެހޭ ގޮތުން މަޝްވަރާކުރުމަށް ވަރަށް މުހިއްމު މަގަކަށް،" ފޮރިން މިނިސްޓްރީން ބުންޏެވެ.

ރާއްޖެއާއި ޗައިނާ އާ ދެމެދު ބައިލޭޓަރަލް ކޮންސަލްޓޭޝަންސް އެންމެ ފަހުން ބާއްވާފައި ވަނީ 2017 ވަނަ އަހަރު ރާއްޖޭގަ އެވެ. ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން މިފަހަރުގެ ކޮންސަލްޓޭޝަންސް ކުރިއަށްގެންދާނީ ވާޗުއަލްކޮށް ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.