އޭޑީކޭ ހޮސްޕިޓަލުގެ ހައި ޑިޕެންޑެންސީ ޔުނިޓް (އެޗްޑީޔޫ)އިން ފަރުވާ ހޯދި ތިން މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާން ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ އޭޑީކޭގެ އެ ޔުނިޓުން ފަރުވާ ދިނުމަށްފަހު ދޫކޮށްލި ތިން މީހަކު ކޮވިޑަށް ޕޮޒިޓިވްވުމުން މިވަގުތު އެ ޔުނިޓް ބަންދުކޮށް، ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް މިހާރު ކުރަން ފަށާފައިވާ ކަމަށެވެ.

"މިވަގުތު ހައި ޑިޕެންޑެންސީ ޔުނިޓް ވަނީ ބަންދުކޮށްފައި. ޑިސްއިންފެކްޓްކުރުމުގެ މަސައްކަތް ކުރިއަށްއެބަދޭ. މުޅި ހޮސްޕިޓަލުގައި އެޑްމިޓްކުރެވިފައިވާ ހުރިހާ އިންޕޭޝަންޓުން ޓެސްޓްކުރެވިފައި ވަނީ. އަދި އޭގެ އިތުރުން އެޗްޑީޔޫގައި މަސައްކަތްކުރި އެތަނުގައި ތިބި ބަލި މީހުންނާއި ކޮންޓެކްޓްވި ހުރިހާ ސްޓާފުން ވެސް މިވަގުތު ވަނީ ޓެސްޓްކުރެވިފައި. އޭގެން އެއްވެސް މީހަކު މިހާތަނަށް ޕޮޒިޓިވްވެފައެއްނުވޭ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

ތަފާތު ސާޖަރީތައް ހެދުމަށްފަހު ފަރުވާ ދިނުމަށް އެ ހޮސްޕިޓަލުގައި ހަދާފައިވާ ހައި ޑިޕެންޑެންސީ ޔުނިޓްގައި 12 އެނދު ހުރެ އެވެ.

އޭނާ ވިދާޅުވީ އޭޑީކޭގެ އެ ޔުނިޓުން ފަރުވާ ހޯދި ބަޔަކު ޕޮޒިޓިވްވުމާ ގުޅިގެން އައުޓްބްރޭކް ކޮންޓްރޯލްކުރުމަށްޓަކައި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް މިހާރު ކުރަމުން އަންނަ ކަމަށެވެ. އަދި އެ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭ ހުރިހާ ޕޭޝަންޓުން ޓެސްޓްކުރުމުގެ މަސައްކަތް ވެސް ފަށާފައިވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އޭޑީކޭގެ އެޗްޑީޔޫއިން ފަރުވާ ދިނުމަށްފަހު ދޫކޮށްލި ފަހުން ޕޮޒިޓިވްވި މީހުންނާއި ކޮންޓެކްޓްވި ހުރިހާ ސްޓާފުން ވެސް މިވަގުތު ތިބީ ކަރަންޓީނުގައި ކަމަށެވެ. އަދި އޭޑީކޭގައި ރައްކާތެރިކަމާއެކު ޚިދުމަތްދެވޭނެ ގޮތަށް ފިޔަވަޅުތައް އަޅާފައިވާ ކަމަށާއި، އެކަމާ ގުޅިގެން ޚިދުމަތް ހޯދުމުގައި އާއްމުންނަށް އިތުރު އުނދަގޫތަކެއް ދިމާނުވާނެ ކަމަށް ވެސް ޑރ. ނަޒްލާ ވިދާޅުވި އެވެ.