2021 ވަނަ އަހަރު އިއުލާން ކުރެވުނު ފަރްހާން އަޚްތަރުގެ "ޖީލޭ ޒަރާ"އަކީ ބޮލީވުޑްގައި މިހާރު އެންމެ ނަން ހިނގާ އަންހެން ތަރިންނާއެކު އުފައްދަން ނިންމި ފިލުމެކެވެ.

އެގޮތުން ޕްރިޔަންކާ ޗޯޕްރާ ޖޯނަސް، ކެޓްރީނާ ކައިފް އަދި އާލިއާ ބަޓް މައި ރޯލުތަކުން ފެނިގެންދާނެ ކަމަށް ބެލެވުނު މި ފިލްމު އިއްލާން ކުރެވުނުތާ ދެ އަހަރު ވީއިރުވެސް މާބޮޑު ކުރިއެރުމެއް ލިބިފައެއް ނުވެ އެވެ.

ފިލްމުގެ ޝޫޓިން ފެށުން ލަސްވަނީ ތަރިންގެ ތާރީހުތައް ދިމާނުވާތީ ކަމަށް މީގެ ކުރިން ހަބަރުތައް ބުނި ނަމަވެސް އެންމެ ފަހުގެ ރިޕޯޓުތައް ބުނާ ގޮތުގައި ފިލްމުގެ މަސައްކަތް މަޑުޖެހިފައިވަނީ ޕްރިޔަންކާގެ ސަބަބުންނެވެ.

އެގޮތުން ފިލްމުގެ ސްކްރިޕްޓް ޕްރިޔަންކާއަށް ކަމުނުދާ ކަމަށާއި އެހެންކަމުން އެ ފިލްމު ކުޅެން މިހާރު އޭނާ އިންކާރު ކޮށްފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.

އެހެން ނަމަވެސް މިކަމާ ބެހޭ ގޮތުން ފިލްމުގެ ޕްރޮޑިއުސަރުންނާއި ޕްރިޔަންކާގެ ބަހެއް ވެސް މީޑިއާއަށް މިހާތަނަށް ލިބިފައެއް ނުވެ އެވެ.

މިފިލްމުގައި ޕްރިޔަންކާ ފެނިގެންދާނަމަ އެ ފިލްމު ވެގެންދާނީ ނިކް ޖޯނަސްއާ ކައިވެނިކުރި ފަހުން ބޮލީވުޑްގެ ފިލްމަކުން އޭނާ ފެންނަ ފުރަތަމަ ފިލްމަށެވެ.