ރާއްޖޭގެ ރިއަލް ޖީޑީޕީ މި އަހަރު 6.5 ޕަސެންޓް ކުރިއެރި ނަމަވެސް ދުނިޔޭގެ އިގްތިސާދީ ހީނަރުކަމުގެ ތެރޭގައި އަގުބޮޑުކޮށް ދަރަނި ނެގުން ކުރިއަށް ގެންދާ ނަމަ، މާލީ ގޮންޖެހުންތައް ބޮޑުވެ، އޭގެ އަސަރު އިގްތިސާދަށް ކުރާނެތީ ރާއްޖެއަށް ހުރި ގޮންޖެހުންތައް ބޮޑު ކަމަށް ވޯލްޑް ބޭންކުން ބުނެފި އެވެ.
ގައުމުތަކުގެ އިގުތިސޯދީ ހާލަތު ބަޔާންކޮށް ވޯލްޑް ބޭންކުން އަހަރަކު ދެ ފަހަރު ނެރޭ ރިޕޯޓްގައި ބުނެފައިވަނީ މިއަހަރު ރާއްޖޭގެ ރިއަލް ޖީޑީޕީ 6.5 ޕަސެންޓަށް ކުރިއެރިނަމަވެސް 2024 އިން 2025 އަށް އެވްރެޖްކޮށް އިގުތިސާދު ކުރިއަރާނެ ކަމަށް ބުނެފައިވަނީ 5.4 ޕަސެންޓް ކަމަށެވެ.
އެ ރިޕޯޓުގައި ބުނެފައިވާ ގޮތުން ދުނިޔޭގެ އިގުތިސާދީ ހީނަރުކަމުގެ ތެރޭގައި އަގުބޮޑުކޮށް ދަރަނި ނެގުން ކުރިއަށް ގެންދާނަމަ މާލީ ގޮންޖެހުންތައް ބޮޑުވެ އޭގެ އަސަރު އިގުތިސާދަށް ކުރާނެ އެވެ. އެހެންވެ ރާއްޖެއަށް ހުރި ގޮންޖެހުންތައް ބޮޑު ކަމަށް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
ރިޕޯޓުގައި ބުނީ ދުނިޔޭގައި ތަކެތީގެ އަގު ބޮޑުވުމާއި ކެޕިޓަލް ހަރަދާއި ސަބްސިޑީއަށް ކުރާ ހޭދަ އިތުރުވުމާއި ބަޖެޓް ޑެފިސިޓް ފޫބައްދަން މަރުކަޒީ ބޭންކުން ފައިސާ ދޭން ޖެހުމާއި އިންފްލޭޝަން މަތިވުމާ ގުޅިގެން ރާއްޖޭން ދަނީ މާލީ ގޮންޖެހުންތަކާ ކުރިމަތިލަމުންނެވެ. އެ ގޮންޖެހުންތަކުގެ ސަބަބުން މާލީ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަށްޓަކައި އަވަސް އަދި ހަރުދަނާ މާލީ ފިޔަވަޅުތަކެއް އެޅުމާއެކު ޒިންމާދާރު ގޮތެއްގައި ދަރަނި ބެލެހެއްޓުން މުހިންމު ކަމަށް ބުނެފައިވެ އެވެ.
ވޯލްޑް ބޭންކުން ބުނީ ޑެފިސިޓް ދަށްވާނެ ކަމަށް ލަފާކުރެވުނު ނަމަވެސް ރާއްޖޭގެ ޖުމުލަ ދަރަނި ޑީޖީޕީގެ ނިސްބަތުން 115 ޕަސެންޓަށްވުރެ މަތީގައި ހުންނާނެ ކަމަށް ބެލެވޭ ކަމަށެވެ. މިއީ މި އަހަރު ހުރި ނިސްބަތަށްވުރެ 1.4 ޕަސެންޓް އިތުރުވުމެކެވެ. އެ ނިސްބަތް 2025 ވަނަ އަހަރު 116. ޕަސެންޓަށްވުރެ މަތީގައި ހުންނާނެ ކަމަށްވެސް ވޯލްޑް ބޭންކުން ބުންޏެވެ.
ވޯލްޑް ބޭންކުން ބުނީ, މާލީ ދެމެހެއްޓެނިވިކަން ކަށަވަރު ކުރުމަށްޓަކައި ރާއްޖޭން އާމްދަނީ އިތުރުކުރުމާއެކު ހަރަދުތައް ރަނގަޅަށް ބަލަހައްޓަން ޖެހޭނެ ކަމަށެވެ.
އެގޮތުން އާސަންދަ ސްކީމް ފަދަ ޕްރޮގްރާމްތައް މުރާޖައާކޮށް, ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ރަނގަޅަށް އެކަށައަޅައި, ބެލެހެއްޓިގެން އަދި ރަނގަޅަށް އިންތިޒާމުވެގެން އުމްރާނީ ތަރައްގީގެ އިންވެސްޓްމަންޓުތައް ކުރުމަށް ވަރުގަދަ ޕަބްލިކް އިންވެސްޓްމަންޓް މެނޭޖްމަންޓް ނިޒާމެއް ގާއިމުކުރުން ފަދަ އިސްލާހީ ފިޔަވަޅުތަކެއް އެޅުން މުހިންމު ކަމަށް ބުންޏެވެ. އަދި އާމްދަނީގެ ދާއިރާއިން ޓެކްސް ބޭސް ފުޅާކުރުމާއި ރާއްޖޭގެ އެތެރެއިން އާމްދަނީ ލިބެން ހުރި ވަސީލަތްތަކުގެ ބޭނުން ހިފުމާއި ނުރަސްމީ އިގުތިސާދީ ހަރަކާތްތައް މަދުކުރުމާއި ޓެކްސްގެ އިންސާފުވެރިކަން އުފެއްދުން އަދި ފިޔަވަޅުތަކަށް ވިސްނުން ބަހައްޓަން ޖެހޭ ކަމަށް ވޯލްޑް ބޭންކުން ބުންޏެވެ.
ވޯލްޑް ބޭންކުން ރާއްޖެ އާއި ނޭޕާލް އަދި ސްރީ ލަންކާ އަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު ފާރިސް އެޗް ހަދާދު-ޒަރްވޮސް ވިދާޅުވީ އިގްތިސާދު ރަނގަޅު ވަރެއްގައި ކުރިއަރާނެ ކަމަށް ލަފާކުރެވުނު ނަމަވެސް ޑެފިސިޓް ކުޑަ ކުރުމަށާއި ދަރަނި ބެލެޖެއްޓުމަށާއި ރޭވިގެން އިންވެސްޓްމެންޓްތައް ކުރުމަށް އިސްކަން ދޭން ކެހޭ ކަމަށެވެ.
"ފަތުރުވެރިކަމަކީ ރާއްޖޭގެ އިގްތިސާދީ ކުރިއެރުމުގެ މައި އިންޖީނުގެ ގޮތުގައި ދެމި އޮތަސް، ތިމާވެއްޓާ ރައްޓެހި ފަތުރުވެރިކަމާއި މަސްވެރިކަމުގެ ސިނާއަތް ތަރައްގީ ކުރުމާއި ދުރު ސަރަހައްދުތަކުގައި މަދުން އުމްރާނީ ތަރައްގީގެ ވަސީލަތްތަކަށް ހަރަދު ކުރުމަށް އިސްކަން ދިނުމާއި އަމިއްލަ ވިޔަފާރިތަކުން ކުރާ އިންވެސްޓްމަންޓްތައް އިތުރު ކުރުމަށް ބާރުއެޅުން ފަދަ ފިޔަވަޅުތައް އަޅައިފި ނަމަ އެންމެންގެ ބައިވެރިވުން އޮންނަ، ދެމެހެއްޓެނިވި އަދި މޫސުމީ ބަދަލުތަކުގެ ގެއްލުންތަކާއި އެހެނިހެން ލޮޅުންތަކަށް ތައްޔާރު ވެފައިވާ ފެހި އިގްތިސާދެއް ބިނާކުރުމަށް ރާއްޖެއަށް ބާރަކަށް ވާނެ،" އޭނާ ވިދާޅުވި އެވެ.
ރިޕޯޓުގެ ސްޕެޝަލް ފޯކަސް ސެކްޝަން، 'ސަޕޯޓިން ސަސްޓެއިނަބަލް އެންޑް ރެސިލިއަންޓް އިންފްރާސްޓްރަކްޗާ'ގައި ފާހަގަކޮށްފައިވާ ގޮތުގައި، ރާއްޖޭން އުމްރާނީ ތަރައްގީގެ ހިދުމަތްތައް ދިނުމުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވީ ނަމަވެސް، ބަޖެޓަށް ވަރަށް ބޮޑަށް ބަރޯސާވެ، ގިނަ ފަހަރަށް ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތަށް ވުރެ ވެސް މަތިން އެފަދަ ހަރަދުތައް ކުރެ އެވެ. އަތޮޅުތަކުގައި އުމްރާނީ ތަރައްގީގެ ވަސީލަތްތައް ހަރުދަނާކޮށްފައި ވިޔަސް، ވެރިރަށް މާލެއާ އަޅާބަލާއިރު އަތޮޅުތަކުގައި ސާފު ބޯފެނާއި ނަރުދަމާ އާއި އިންޓަނެޓްގެ ހިދުމަތްތަކުގައި ތަފާތުތަކެއް އެބަހުއްޓެވެ.
މި ގޮންޖެހުންތަކަށް ހައްލެއް ހޯދުމަށްޓަކައި އެއްބާރުލުން ހަރުދަނާކުރުމާއި، ދެމެހެއްޓެނިވި ގޮތެއްގައި ޕްލޭންކުރުމާއި، އަމިއްލަ ފަރާތްތަކުގެ އިންވެސްޓްމަންތައް މެދުވެރިކޮށް އިއާދަކުރަނިވި ހަކަތައަށް ބަދަލުވުމާއި، މާލީ ދަތިތަކާއި މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމަށް ޕަބްލިކް އިންވެސްޓްމަންޓް މެނޭޖްމަންޓް ނިޒާމު ހަރުދަނާކުރަން ޖެހެ އެވެ.