ކަސްރަތުކުރަން ފެށުމުން އޭގެ ފައިދާތައް ހަށިގަނޑަށް ކުރާނެކަން ގައިމެވެ. އެހެން ނަމަވެސް ކަސްރަތު ކުރަން ފެށުމުން އޭގެ ނޭދެވޭ އަސަރު ގައިގެ ހަންގަނޑަށް ވެސް ކުރެ އެވެ.
މީ ކިހިނެތްވާ ކަމެއް ހެއްޔެވެ؟ ކަސްރަތު ކުރަން ފެށުމާއި އެކީ ބައެއް މީހުންގެ މޫނުން ބިހިނަގާން މި ދިމާވަނީ ކޮން ސަބަބަކާއި ހުރެ ހެއްޔެވެ؟
މިފަހަރު މި ކިޔައިދެނީ ސިއްހީ މާހިރުން ބުނާ ގޮތުގައި ޖިމަށް ދާން ފެށުމުން މޫނުގެ ހަންގަނޑަށް މައްސަލަ ދިމާވާ ސަބަބާއި އޭގެ ހައްލެވެ.
ކަސްރަތުކޮށް ނިމުމުން އެހުންނަ "ގްލޯ" އަކީ ހަމައެކަނި ދާ ތަ؟
ކަސްތަރު ކުރުމުން ހަންގަނޑަށް ވެސް ހަގީގަތުގައި ފައިދާކުރެ އެވެ. ޑާމަޓޮލޮޖިސްޓެއް ކަމަށްވާ ޑރ. ލާނާ ކަޝްލަން ވިދާޅުވި ގޮތުގައި ކަސްރަތު ނިންމާލުމަށް ފަހު މޫނުގައި ހުންނަ "ގްލޯ" ނުވަތަ ވިދުމަކީ ހަމައެކަނި ދަލުގެ ސަބަބުން ހުންނަ ވިދުމެއް ނޫނެވެ. އެއީ ކަސްރަތު ކުރުމުގެ ސަބަބުން މޫނުގެ ލޭ ދައުރުވުން ރަނގަޅު ވެފައިވާ ކަމުގެ ނިޝާނެކެވެ.
މީގެ އިތުރުން ކަސްރަތު ކުރުމުގެ ސަބަބުން ގައިގެ ހަންގަނޑު އޮމާންވެ ކުލަ އަލިވެ އެވެ. ކަން މިހެން އޮތްއިރު ވެސް ކަސްރަތު ކުރަން ފެށުމުން މޫނުގައި ބިހި ނަގަން މެދުވެރިވަނީ ކީއްވެގެން ހެއްޔެވެ؟
ކަސްރަތު ކުރާ އިރު ހަށިގަނޑުގައި އުފެދޭ ހޫނު ބޭރުކޮށްދިނުމަށް ދާހިއްލުމަކީ ރަނގަޅު ކަމެކެވެ. ނަމަވެސް ޑރ. މަޖްދު އަލް ޒޯގްބީ ވިދާޅުވި ގޮތުގައި ހަށިގަނޑު މާބޮޑަށް ހޫނުވުމުން ގިނައިން ދާހިއްލާ، އޭގެ ސަބަބުން ބައެއް ހަމުގެ މައްސަލަތައް އިތުރަށް ގޯސްވެ އެވެ.
"ދާހިއްލާ އިރު މޫނުގައި ހުންނަ ވަޅުތަކުގައި ހުންނަ ޑެޑް ސެލްސްއާއި ހިރަފުސް އެ ދަލާއި އެކީ ބޭރުވާނެ. އަދި އެހުރިގޮތަށް ހުރެ ދާ ހިކިއްޖެ ނަމަ ކަމަކުނުދާނެ،" ޑރ. މަޖްދް ވިދާޅުވި އެވެ. މީގެ ނަތީޖާއެއްގެ ގޮތުން މޫނުގައި ބިހި އަދި ވައިޓްހެޑްސް ފަދަ އެއްޗެހި ނަގާނެ އެވެ. މޫނު ތެޔޮވާ މީހުންނަށް މި މައްސަލަ މާބޮޑަށް ދިމާވާނެ އެވެ.
ހައްލަކީ ކޮބާ؟
ދެން ކަސްރަތަށް ދާ މީހުން ކަންތައް ކުރަންވީ ކިހިނެތް ހެއްޔެވެ؟ ކަސްރަތު ފެށުމުގެ ކުރިން މޫނު ދޮވެ ސާފުކުރަންވީ ހެއްޔެވެ؟ ނުވަތަ ނިންމާލާފައި އައިސް ސްކްރަބް ކުރަންވީ ހެއްޔެވެ؟ އެހެން ނޫން ނަމަ ފެންވަރަންދެން މަޑުކޮށްލަންވީ ހެއްޔެވެ؟
ޑރ. އަލްޒޯގްބީ ދިވާޅުވާގޮތުގައި މޫނުގައި ބިހި ނަގަން ބޭނުން ނުވާނަމަ ކަސްރަތު ކުރަން ފެށުމުގެ ކުރިން މޫނު ދޮންނަންވާނެ އެވެ. ޑރ. ޔަވާރިވެސް މިކަމާ އެއްބަސްވެ ވަޑައިގަންނަވަ އެވެ.
އޭނާ ވިދާޅުވާ ގޮތުން ކަސްރަތު ކޮށް ނިންމާފައި ވެސް މޫނު ދޮވުމަކީ މުހިއްމު ކަމެކެވެ. އެންމެ ކުޑަ މިނުން ކަސްރަތު ނިންމާފައި ކުޑަކޮށް ހޫނުކޮށް ހުންނަ ފެނުން މޫނު ދޮވެލަން ވާނެ އެވެ.
އުނގަދޫ ހެން ހީވިޔަސް މިއީ ކުރުން މުހިއްމު ކަމެކެވެ. ކަސްރަތު ކޮށް ހަށިގަނޑު ރީތި ކުރަން ހަދައިގެން ހަންގަނޑު ގުރުބާން ނުކޮށްލާށެވެ.