ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރަށް ހަމަލާދިން މައްސަލައިގައި ހައްޔަރުކޮށްފައިވާ އިބްރާހީމް އަބްދުﷲ (ގައްބަރޭ) އާއި އިތުރު ދެ މީހެއްގެ މައްޗަށް ދައުވާކުރަން ފޮނުވައިފި އެވެ.
ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން ބުނީ މި އަހަރުގެ މޭ މަހުގެ ފުރަތަމަ ދުވަހުގެ މެންދަމުގެ ވަގުތެއްގައި، މާލެ، "ހަބީބީ" ކެފޭތެރޭގައި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ޙަސަން ޒަރީރަށް ނުރައްކާތެރި ހަތިޔާރާއި، ތޫނު ހަތިޔާރު ބޭނުންކޮށްގެން ހަމަލާދީ، މާރާމާރީ ހިންގި މައްސަލައިގައި ތިން މީހެއްގެ މައްޗަށް ދަޢުވާކުރުމަށް މިދިޔަ މަހުގެ 19 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.
މި މައްސަލާގައި ދަޢުވާކޮށްފައިވަނީ މއ. ނައިޓްވިލާ، އިބްރާހީމް ޢަބްދުﷲ އާއި، ތ. ކިނބިދޫ، ދީފުރަމްގެ، އަޙްމަދު އަވްޝަމް އާއި، މ. ތާޖް، މުލާއިމް މުޙައްމަދުގެ މައްޗަށެވެ.
އެގޮތުން މއ. ނައިޓްވިލާ، އިބްރާހީމް ޢަބްދުﷲ ގެ މައްޗަށް ކޮށްފައިވަނީ، ބިރުދެއްކުމާއި، ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ 8 ވަނަ މާއްދާގެ ދަށުން، މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާގޮތަށް ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ދައުވާ އެވެ. އަދި ތ. ކިނބިދޫ، ދީފުރަމްގެ، އަޙްމަދު އަވްޝަމްއާއި، މ. ތާޖް، މުލާއިމް މުޙައްމަދުގެ މައްޗަށް ބިރުދެއްކުމާއި، ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ 8 ވަނަ މާއްދާގެ ދަށުން، މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާގޮތަށް ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ދައުވާ ކޮށްފައިވާ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފަ އެވެ.
ނުރައްކާތެރި ހަތިޔާރެއްގެ ގޮތުގައި ބެލެވިދާނެ އެއްޗެއް ބޭނުންކޮށްގެން މެންބަރު ޒަރީރަށް ހަމަލާދިން މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މޭމަހުގެ އެއްވަނަ ދުވަހުގެ ފަތިހު 5:08 ހާއިރު އެވެ. މި މައްސަލާގައި ދަޢުވާ އުފުލާފައިވާ މއ. ނައިޓްވިލާ، އިބްރާހީމް ޢަބްދުﷲ އަކީ އެމްޑީޕީ ގައުމީ މަޖިލީހުގެ މައްޗަންގޮޅީ ދެކުނު ދާއިރާގެ ރައީސެވެ.