ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން އޮބްޒާވް ކުރުމަށްޓަކައި އިނގިރޭސިވިލާތުގެ ލަންޑަންގައި ހުންނަ ދިވެހި ހައިކޮމިޝަނުގައި ވޯޓުލުމަށް ހަމަޖެހިފައި ހުރި ކޮޓަރިއަށް ވަންއިރު އޮބްޒާވަރުންގެ ގޮތުގައި ދޮން އަންހެނަކާއި ދިވެއްސެއްގެ ސިފަ ހުރި، އެހެން ނަމަވެސް ދިވެހި ބަސް ނޭނގޭ ފިރިހެނަކު ތިއްބެވެ.

އިލެކްޝަންސް ކޮމިޝަންސް އިން ދޫކޮށްފައި އޮތް ފާސް އަޅައިގެން ތިބި އެ ދެ މީހުންނާ ޖެހިގެން ހުރި ގޮނޑީގައި އިންނަން ޖެހުމުން އެމީހުންގެ ހަރަކާތްތައް ވަރަށް ރީތިކޮށް، ގާތުން ފެނުނެވެ. ފެށުނީއްސުރެ ފޯނާ ކުޅެން ތިބިކަމުގައި ވިޔަސް އެމީހުން ގެންދިޔައީ ވޯޓުލުމުގެ ކަންތައް ވަރަށް ގާތުން ބަލަމުންނެވެ. ފަހުން އެނގުނު ގޮތުގައި އެއީ ރިޔާސީ އިންތިޚާބު އޮބްޒާވް ކުރުމަށް ކޮމަންވެލްތުން ފޮނުވި ޓީމުތަކުގެ ތެރެއިން އިނގިރޭސި ވިލާތުގެ ލަންޑަނުގައި ހުންނަ ވޯޓު ފޮށި ދޮށަށް ދިޔަ ޓީމެވެ.

އިންތިޚާބު ނިމުމާއެކު ކޮމަންވެލްތުން ނެރުނު ރިޕޯޓުގައި ރާއްޖޭގެ އިންތިޚާބު ދިޔަ ގޮތުގެ އޮމާންކަމާއި އިލެކްޝަންސް ކޮމިޝަންސްގެ އިންތިޒާމުތަކުގެ ފުރިހަމަކަމާއި ރައްޔިތުންގެ ހޭލުންތެރިކަމާއި އަމަލު ކުރިގޮތުގެ ރަނގަޅު ކަމަށް ތައުރީފުކޮށްފައި ހުއްޓެވެ. ހަގީގަތުގައި އިނގިރޭސި ވިލާތާއި ކޮމަންވެލްތުގެ ގިނަ ގައުމުތަކަށް ވުރެ ރާއްޖޭގެ ވޯޓުލުމާ ބެހޭ އިންތިޒާމުތައް ހަމަޖެހިފައި ހުރި ގޮތް މޮޅެވެ.

ކޮމަން ވެލްތުން ރާއްޖޭގެ އިލެކްޝަން ދިޔަ ގޮތަށް ތައުރީފު ކުރި ކަމަށް ވިޔަސް ޔޫރަޕިއަން ޔޫނިއަނުން ނެރުނު ރިޕޯޓުގައި ހުރީ ތަފާތު ވާހަކައެކެވެ. އިންތިހާބުގެ ކަންތައް ދިޔަ ގޮތަށް އެއްޗެކޭ ބުނެވެން ނެތުމުން އެމީހުން ބަލައިފައި އޮތީ ކޮންމެވެސް އެހެން ގޮތަކަށް އަލަށް ހޮވުނު ސަރުކާރާ ބެހިލުމަށެވެ. އެގޮތުން ރާއްޖޭގެ ނޫހަކުން އިންޑިއާ އާ ބެހޭ ގޮތުން ބުހުތާނު ވާހަކަ ފެތުރިކަމަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބެހޭ ގޮތުން ދޮގު ވާހަކަ ފެތުރިކަމުގައި ބުނެފައި އޮތެވެ. ނޫސްތަކުގައި ލިޔުނު ވާހަކައިގެ ތެދު ދޮގު އީޔޫ އިން ކަނޑައެޅީ ކޮންފަދަ ތަހުގީގެއްގެ މައްޗަށް ބަލައިފައި ކަން އެނގެން ނެތްއިރު ސަރުކާރަށް ސަޕޯޓް ކުރާ ނޫސްތަކުން އިދިކޮޅު ކެންޑިޑޭޓާ ބެހޭ ގޮތުން ފަތުރަމުން ދިޔަ ވާހަކަތައް އެމީހުންނަށް ފެނުނު ކަމަށް ވެސް ނުވެ އެވެ.

ރިޔާސީ އިންތިހާބު އޮބްޒާވްކުރުމަށް ވަޑައިގެންނެވި އީޔޫ މިޝަންގެ ބޭފުޅުން ---

އީޔޫ އިން ނެރުނު ބަޔާނުގައި އިންޑިޔާގެ ވާހަކަ ފާޅުކޮށް ބުނެފައި އޮތް ފަދައިން އިންތިޚާބާ ގުޅިގެން އެމެރިކާ އާއި ހުޅަނގުގެ ނޫސްތަކުން ގެނެސް ދިން ކަވަރޭޖްތަކުގައި މުޅިންހެން އޮތީ ރާއްޖޭގެ ރައީސަކަށް "ޕްރޯ ޗައިނާ" ބޭފުޅަކު އިންތިޚާބުވި ވާހަކަ އެވެ. ރާއްޖޭގެ އިންތިޚާބަކަށް މިހާތަނަށް ނުލިބޭ ވަރަށް ބޭރުގެ ނޫސްތަކުގެ ސަމާލުކަން ލިބުނުއިރު، އެ ރިޕޯޓުތަކަށް ބަލާއިރު ހުޅަނގުން އެންމެ ކަންބޮޑުވާ ކަމެއްގެ ގޮތުގައި ފާހަގަ ކުރެވެނީ ރާއްޖެއާއި ޗައިނާއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހި ވެދާނެތީ އެވެ. ހަމަ އެފަދައިން އިންޑިއާއިން ރާއްޖޭގައި ގަދަކޮށްލައިފައި އޮތް އޮތުން ނިމުމަކަށް އަތުވެދާނެތީ އެވެ.

ޗައިނާ އާއި އިންޑިއާ މައްސަލައަކީ ރާއްޖޭގައި އުފަންވެގެން އުޅޭ މައްސަލައެއް ނޫނެވެ. ހަމަ އެފަދައިން އެއީ ޗައިނާ އާއި އިންޑިއާގެ މެދުގައި ޖެހިގެން އުޅޭ މައްސަލައެއް ވެސް ނޫނެވެ. ހަގީގަތަކީ ޗައިނާގެ މައްސަލައަކީ ހުޅަނގުން އުފަން ކޮށްގެން އުޅޭ އެމީހުންގެ އަމިއްލަ މައްސަލައެއް ކަމެވެ. އެ މައްސަލައިގެ ތެރެއަށް ދުނިޔޭގެ އެހެން ގައުމުތައް ވެއްދުމަށް މަސައްކަތް ކުރަނީ އެވެ.

ޗައިނާ ސަފީރާއެކު އިންތިހާބީ ރައީސް ޑރ.މުހައްމަދު މުއިއްޒު ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިން

ފާއިތުވެ ދިޔަ ވިއްސަކަށް އަހަރުގެ ކުރިޔަށް ޖެހިލައި ބަލާލާއިރު ދުނިޔޭގެ އިގުތިސާދީ ގޮތުން ނަގާ ކިޔާ އެންމެ މުއްސަނދި ގައުމުތަކަކީ އެމެރިކާ އާއި ހުޅަނގު ޔޫރަޕުގެ ގައުމުތަކެވެ. އެގައުމުތައް އެމީހުން ހޯދި ގޮތަކަށް ހޯދި މުއްސަނދިކަމާއި ތަރައްގީގައި ޣާފިލުވެގެން ތިއްބާ ކުއްލިއަކަށް ފެނުނީ ހުޅަނގަށް ގޮންޖަހައި އިރުމަތީގެ ގައުމުތަކުގެ އިގުތިސާދު ކުރި އަރައިގެން އައި ތަނެވެ. ޚާއްސަކޮށް ޗައިނާ ކުރި އަރައިގެން އައި ގޮތަށް އައިސް ހުޅަނގުގެ ގައުމުތަކުގެ އިގުތިސާދީ ކުރިއެރުމަށް އޮތް ބިރަކަށް އެގައުމު ވެއްޖެ އެވެ. ނަތީޖާއެއްގެ ގޮތުން ކުރިއަރަމުން އަންނަ ޗައިނާ "ހިސާރު ކޮށް" ބަލިކޮށްލުމަށްޓަކައި ހުޅަނގަށް ފެނުނު އެންމެ މޮޅު ގޮތަކަށް ފެނުނީ އިންޑިއާ އެ ދެމެދަށް ވެއްދުމެވެ.

އިންޑިއާ އާއި ޗައިނާ ބޯޑަރު މައްސަލައިގައި ކުރިމަތިލުން އޮންނަ ދެ ގައުމުކަމުން އެ ދެގައުމު ޖައްސައިގެން ޗައިނާގެ ކުރިއެރުން ހުއްޓުވުމުގެ ހުވަފެނަކީ މިއަދު އެމެރިކާ އާއި ޔޫރަޕަށް އޮތް ހަމައެކަނި އުންމީދެވެ. އެ އުންމީދުގައި ޗައިނާ އާއި ދެކޮޅަށް އިންޑިއާ ބޭނުންކުރަން އުޅުނު ކަމަށް ވިއަސް ހަގީގަތުގައި އިންޑިއާއިން ބަލަނީ ހަމަ އެކަނި އެގައުމުގެ އަމިއްލަ މަސްލަހަތަށެވެ. ވިޔަފާރީގެ ގޮތުންނާއި ސަލާމތީ ގޮތުން އިންޑިއާގެ މަސްލަހަތާ ފުށުނާރާ ކަންކަމުގައި އިންޑިއާއިން ޗައިނާ އާ ގުޅިގެން ކުރިއަށް ދާއިރު، ސަރަހައްދީ ގޮތުން ބާރުގަދަކޮށް އިންޑިއާ ކަނޑަށް ޗައިނާގެ ނުފޫޒު ވަނަ ނުދޭން އިންޑިއާ އިން ދަނީ މަސައްކަތް ކުރަމުންނެވެ.

ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރާއި ރައީސް ސޯލިހު ދާދިފަހުން ބައްދަލުކުރައްވަނީ.

އިންޑިއާގެ ހަރުކަށި ހިންދޫންގެ ސަރުކާރުން އެ ގައުމުގެ ރައްޔިތުންގެ އިންސާނީ ހައްގުތަކަށް އަރައިގަނެ، ދީނީ މިނިވަންކަމާއި ސަގާފީ މިނިވަންކަން ނިގުޅައިގަންނަމުން ދިޔަ ކަމަށް ވިޔަސް ޔޫރަޕާއި އެމެރިކާއިން ހިމޭނުން ތިބެނީ އިންޑިއާ މެދުވެރިކޮށް ޗައިނާ ހުއްޓުވޭނެކަމުގެ އުންމީދުގަ އެވެ. އެހެން ނަމަވެސް ހަގީގަތުގައި އިންޑިއާއި ޗައިނާ އާއެކު އިންޑިއާއިން ގެންގުޅެނީ އެމީހުންގެ އަމިއްލަ އެޖެންޑާއެކެވެ.

ޔޫރަޕުން ޗައިނާ އާ މެދު ގެންގުޅޭ ވިޔަފާރީގެ ދަތިކުރުންތަކުން ކުރާ އަސަރު ކުޑަ ކުރުމަށްޓަކައި ޗައިނާ އިން އުފެއްދި ވިޔަފާރި ޖަމާއަތް ކަމަށްވާ ބްރިކްސްގައި އިންޑިއާއަކީ މުހިންމު ބައިވެރިއެކެވެ. ހަމަ އެފަދައިން ވިޔަފާރިތަކާއި ގައުމުތަކުގެ ތަރައްގީގެ ޕްރޮޖެކްޓްތަކަށް ފައިނޭންސް ކުރުމަށް ޗައިނާއިން އުފެއްދި އިންވެސްޓްމެންޓް ބޭންކުގައި ވެސް އިންޑިއާ ބައިވެރިވެ އެވެ.

ޔޫރަޕާއި އެމެރިކާއިން ޕްރޯ ވެސްޓް އިންޑިއާއެއްގެ ހުވަފެނުގައި މަސައްކަތް ކުރަމުން ދަނިކޮށް، އެ ގުޅުމުގައި ރެނދު އެޅުމުގެ ކުލަވަރު މިހާރު ވަނީ ފެންމަތި ވެފަ އެވެ. ކެނެޑާގެ ސިކު ރައްޔިތެއްގެ މަރާ ގުޅިގެން އިންޑިއާއަށް ދިއްކުރެވުނު ތުހުމަތުގެ އިނގިއްޔާއެކު ޔޫރަޕާއި އެމެރިކާގެ ސިކު ޖަމާއަތްތަކުން އަންނަނީ އިންޑިއާ ސަރުކާރުން ހިންގަމުން ގެންދާ އިންސާނީ ހައްގުތަކާ ޚިލާފު މައްސަލަތަކާ މެދު ތެދުވުމަށް ޕްރެޝަރު ކުރަމުންނެވެ.

ދުނިޔޭގެ އިގްތިސާދީ ބާރު އޭޝިޔާއަށް ބުރަވެ، އެ ބުރަދަނުގައި އިންޑިއާ އާއި ޗައިނާ ދުނިޔޭގެ ތަރައްގީގައި މުހިންމު ދައުރެއް ކުޅެމުން ދާއިރު އެދެމެދުގައި އޮތް ދިވެހި ރާއްޖޭގެ ވެރިކަމަށް އަންނަ ބަދަލަކާ މެދު ދުނިޔޭގެ ސަމާލުކަން ވަނީ ހުއްޓިފަ އެވެ. "އިންޑިއާ އައުޓް" ކެމްޕޭނަކާ އެކު ވެރިކަމަށް ވަޑައިގެންނެވި ޑރ. މުހައްމަދު މުއިއްޒަށް ޕްރޯ ޗައިނާ ރައީސެކޭ ބުނާ އިރު ޑރ. މުއިއްޒު ވިދާޅުވަނީ އެމަނިކުފާނަކީ ޕްރޯ މޯލްޑިވްސް ބޭފުޅެއް ކަމަށެވެ. ރާއްޖޭގެ ކުރިއެރުމަށް މުހިންމު ކޮންމެ ގައުމަކާއެކު ގުޅުން އޮންނާނެ ކަމަށް ވެސް އެމަނިކުފާނު އަންނަނީ ވިދާޅުވަމުންނެވެ. މަންޒަރު ބަދަލުވާ ގޮތެއް ބަލަން ތިބެމާ ހިނގާށެވެ.