ދުނިޔޭގެ އެންމެ މަގުބޫލު ސްޓްރީމިން ޕްލެޓްފޯމް، ނެޓްފްލިކްސް އިން އަނެއްކާ ވެސް އަގުތައް ބޮޑުކުރަން ނިންމައިފި އެވެ.

ވޯލް ސްޓްރީޓް ޖާނަލް އިން ބުނީ ހޮލީވުޑްގެ ލިޔުންތެރިނާއި އެކްޓަރުން ކުރަމުން އަންނަ ހަޅުތާލު ނިމުމުން ނެޓްފްލިކްސްގެ ސަބްސްކްރިޕްޝަންގެ އަގު ބޮޑު ކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެކަން ވަރަށް އަވަހަށް ނެޓްފްލިކްސްއިން އިއުލާނުވެސް ކުރާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ނެޓްފްލިކްސްގެ ސަބްސްކްރިޕްޝަން ފީއަށް އަންނާނެ ބަދަލުތަކުގެ ތަފުސީލެއް އަދި ހާމައެއް ނުކުރެ އެވެ.

ވޯލް ސްޓްރީޓް ޖާނަލް އިން ބުނި ގޮތުގައި ހިދުމަތުގެ އަގަށް އެންމެ ފުރަތަމަ ބަދަލު ގެންނަން ނިންމާފައިވާ ގައުމުތަކުގެ ތެރޭގައި އެމެރިކާ އާއި ކެނެޑާ ހިމެނެ އެވެ. އަދި އޭގެ ފަހުން ދުނިޔޭގެ އެކި ހިސާބުތަކުން ނަގާ އަގު ވެސް ބޮޑުވެގެން ދާނެ އެވެ.

ނެޓްފްލިކްސްގެ ފީ ބޮޑުކުރަން ނިންމި އިރު، މި އަހަރުގެ ކުރީކޮޅު 30 އަށް ވުރެ ގިނަ ގައުމުގައި ފީ ކުޑަ ވެސް ކުރި އެވެ.

ނެޓްފްލިކްސް ބޭނުންކުރާ މީހުންގެ ތެރެއިން 214 މިލިއަން މީހުންނަކީ ސަބްސްކްރައިބްކޮށްގެން ހިދުމަތް ހޯދާ މީހުންނެވެ.