ކޮވިޑް ވެކްސިން ދިނުމަށް ވަމުން އަންނަ ތައްޔާރީތަކުގައި ވެސް ސިފައިންގެ ބައިވެރިވުން ލިބޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ސިފައިންގެ އޮފިސަރުންނަށް މަގާމުގެ ކުރިއެރުން ދިނުމަށް މިއަދު މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ މައި މަރުކަޒުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ މިހާރު ކުރިމަތިވެފައިވާ ކޮވިޑް 19ގެ ބަލިމަޑުކަމުގެ ތެރޭގައި ވެސް ދިވެހި ސިފައިން ދިވެހިރައްޔިތުންނަށްޓަކައި ވަމުން އަންނަނީ އަގުނުކުރެވޭ ފަދަ މަތިވެރި ގުރުބާނީތަކެއް ކަމަށެވެ. އަދި ކޮވިޑްގެ ވެކްސިން ދިނުމަށް މިހާރު ވަމުން އަންނަ ތައްޔާރީތަކުގައި ވެސް ދިވެހި ސިފައިންގެ ބައިވެރިވުން ވަރަށް ފުރިހަމައަށް ލިބެމުން އަންނަ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

"މީގެ ކުރިން ދިވެހި ސިފައިންނާ ބައްދަލުކުރި އެކި މުނާސަބަތުތަކުގައި ވެސް ދަންނަވާފައިވާނެ ފަދައިން، ދިވެހި ސިފައިންނަކީ ގާބިލު އަދި ހުނަރުވެރި ބަޔަކަށް ހެދުމަށް، ސަރުކާރުން ވަރަށް ބޮޑެތި މަސައްކަތްތަކެއް އެބަ ކުރަން. ސިފައިންނަށް ބޭނުންވާ އުޅަނދުފަހަރާއި އަސްކަރީ އާލާތްތައް ހޯދައި، ޒަމާނީ ވަސީލަތްތައް ވެސް މި އަންނަނީ ގާއިމުކުރަމުން. ރާއްޖެއާއި ރާއްޖެއިން ބޭރުގައި ދިވެހި ސިފައިން ތަމްރީނުކުރުމުގެ މަސައްކަތް، ކުރިއަށްވުރެ މިހާރުވަނީ އިތުރުވެފައި،" ރައީސް ވިދާޅުވި އެވެ.

ސިފައިންގެ އެންމެ މަތީވެރިޔާ ވިދާޅުވީ ސިފައިންނާއި ސިފައިންގެ އާއިލާތަކުގެ ވެލްފެއާ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް، މިދިޔަ ދެ އަހަރުގެ ތެރޭގައި ގިނަ ކަންތައްތަކެއް ކުރެވިއްޖެ ކަމަށެވެ. އަދި ބޭސްފަރުވާގެ ކަންކަމާއި ރެކްރިއޭޝަންގެ ޚިދުމަތްތައް ވެސް ފުޅާކުރެއްވި ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

"އެހެން ގައުމުތަކާއެކު ދިފާއީ އަދި ސަލާމަތީ ގުޅުންތައް ވަރުގަދަކޮށް، އެ ދާއިރާތަކުން ރާއްޖެއަށް ބޭނުންވާ އެހީތައް ހޯދުމުގެ މަސައްކަތްމި އަންނަނީ ކުރަމުން. މިހާރު ދިވެހި އަސްކަރިއްޔާއަކީ، ކުރިއަށްވުރެ ވެސް ބޮޑަށް އަސްކަރީ ހިންގުންތެރިކަން އިންތިޒާމުވެގެން، ވަރަށް ޕްރޮފެޝަނަލް ގޮތެއްގައި ރައްޔިތުންނަށް ޚިދުމަތް ދެމުން އަންނަ މުއައްސަސާއެއް،" ރައީސް ވިދާޅުވި އެވެ. "އެމްއެންޑީއެފް އަކީ، އަސްކަރީ ޚިދުމަތަކަށްވިޔަސް، ދިވެހި ސިފައިންގެ ފަރާތުން ރައްޔިތުންނަށް ފޯރުކޮށްދޭ މަދަނީ ވަރަށްގިނަ ޚިދުމަތްތައް އެބަހުރި."

އެހެން ގައުމުތަކާއެކު ދިފާއީ އަދި ސަލާމަތީ ގުޅުންތައް ވަރުގަދަކޮށް، އެ ދާއިރާތަކުން ރާއްޖެއަށް ބޭނުންވާ އެހީތައް ހޯދުމުގެ މަސައްކަތްމި އަންނަނީ ކުރަމުން. މިހާރު ދިވެހި އަސްކަރިއްޔާއަކީ، ކުރިއަށްވުރެ ވެސް ބޮޑަށް އަސްކަރީ ހިންގުންތެރިކަން އިންތިޒާމުވެގެން، ވަރަށް ޕްރޮފެޝަނަލް ގޮތެއްގައި ރައްޔިތުންނަށް ޚިދުމަތް ދެމުން އަންނަ މުއައްސަސާއެއް،
ރައީސް

ރައީސް ސޯލިހު ވިދާޅުވީ މިދިޔަ ދެ އަހަރުގެ ތެރޭގައި އެކަނިވެސް، ކަނޑުމަތީގެ 667 ހާދިސާއެއްގައި، 1،880 މީހަކަށް ސިފައިން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. އަދި ޙާލު ބޮޑުވި ބަލިމީހުންގެ ތެރެއިން 4،886 މީހަކު ސީ-އެމްބިއުލާންސްގަޔާއި ހެލިކޮޕްޓަރުގައި އެއްތަނުން އަނެއްތަނަށް ގެންގޮސްދީފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މީގެ އިތުރުން، 2019 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ ތެރޭގައި، ހެންވޭރު ތިލަފުށީ ގޭގައި ހުރި ކެމިކަލް ގުދަނެއްގައި ހިނގި އަލިފާނުގެ ހާދިސާއާއި، މާލޭ ޓީ-ޖެޓީ ސަރަޙައްދުގައި އޮތް ތެޔޮ ބައުޒަރުތަކެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާއާއި، މިދިޔަ އަހަރުގެ އޮގަސްޓު މަހު، ހެންވޭރު ތިއޯލޯ ކެފޭގައި ހިނގި އަލިފާނުގެ ހާދިސާގައިވެސް، ފުރާނައާއި މުދާ ސަލާމަތްކުރުމުގައި ސިފައިން ކޮށްފައިވަނީ ވަރަށް ބުރަ މަސައްކަތްތަކެއް ކުރެއްވި ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"މި ހުންނަނީ، އިންސާނުންގެ ފުރާނަޔާ ގުޅިފައި ހުރި، ވަރަށް މުހިންމު އިންސާނީ ޚިދުމަތްތަކެއް. މިފަދަ ކޮންމެ ކަމަކަށްވެސް ސިފައިން ނުކުންނަނީ، ތިމާގެ އަމިއްލަ ފުރާނައާއި ޢާއިލާއަށްވުރެ، ޢާންމު ރައްޔިތުންގެ މުދަލާއި ފުރާނަ ސަލާމަތްކުރުމަށް އިސްކަންދީގެން. މި މުހިންމު ޚިދުމަތްތަކުގެ އަގު ވަޒަންކޮށް، ދިވެހި އަސްކަރިއްޔާގެ ހުރިހާ ރޭންކުތަކެއްގެ އެންމެހައި ސިފައިންނަށް، ދިވެހި ރައްޔިތުންގެ ނަމުގަޔާއި އަޅުގަނޑުގެ އަމިއްލަ ނަމުގައި، ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ ސިފައިންނަށް މަގާމުގެ ކުރިއެރުން ދިނުމުގައިވެސް، ޒަމާނީ އަސްކަރިއްޔާތަކުގައި އެކަން ކުރަމުން އަންނަ ގޮތް ބަލައި، އެ ނިޒާމު ހަރުދަނާ ކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި މަގާމުގެ ކުރިއެރުން ދިނުމުގެ ނިޒާމު ހަރުދަނާވެގެން އަންނައިރު، ސިފައިންގެ ތަޢުލީމީ ފެންވަރަށާއި، އެމީހެއްގެ ސިފަވަންތަ އަޚްލާގަށާއި، ނަތީޖާ ނެރެދޭ މިންވަރަށާއި، ހުނަރުވެރިކަމަށް އިސްކަންދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

ސިފައިންނަށް މަގާމުގެ ކުރިއެރުން ދިނުމަށް ބޭއްވި ޖަލްސާގައި ރައީސް ސޯލިހު މިއަދު ވާހަކަދައްކަވަނީ. ފޮޓޯ: ރައީސް އޮފީސް

"ދިވެހި ސިފައިންނަކީ އެއިރެއްގައި ކުރިމަތިވާ އެންމެ ބޮޑެތި ނުރައްކާތަކާ އެކަށޭނަ މިންވަރަށް، އަބަދުވެސް ތައްޔާރީ ޙާލަތުގައި ތިބެންޖެހޭނެ ބައެއް. އެއީ ޢަސްކަރީ ނުރައްކަލެއް ކަމަށްވިޔަސް، ނުވަތަ މަދަނީ ނުރައްކަލެއް ކަމަށްވިޔަސް، ނުވަތަ ޓެރަރިޒަމްގެ ނުރައްކަލެއް ކަމަށްވިޔަސް، ދިވެހި ސިފައިން ތިބެން ޖެހޭނީ، އެކަންކަމަށް ފުރިހަމައަށް ތައްޔާރުވެގެން،" ރައީސް ވިދާޅުވި އެވެ.

ސިފައިންނަށް މަގާމުގެ ކުރިއެރުން ދިނުމަށް މިއަދު ބަންޑާރަ ކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ތިން އަންހެނަކަށް ވަނީ މޭޖާގެ ރޭންކުން ލެފްޓިނެންޓް ކާނަލްގެ ރޭންކަށް މަގާމުގެ ކުރިއެރުން ލިބިފަ އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްވަން ފެއްޓެވުމުގެ ކުރިން މަގާމުގެ ކުރިއެރުން ލިބުނު ފަރާތްތަކަށް، އަދި ވަކީން ހާއްސަކޮށް އެ ހަތަރު އަންހެން ސިފައިނަށް ރައީސް ސޯލިހް މަރުހާބާ ދެންނެވި އެވެ.

"މިއީ ދިވެހި ސިފައިންގެ ތާރީހުގައިވެސް، އަދި ދިވެހި އަންހެނުންގެ އަސްކަރީ ހިދުމަތުގެ ތާރީހުގައިވެސް، މި ރޭންކަށް އަންހެން ސިފައިން ހަމަޖެހިގެންދިޔަ ފުރަތަމަ ފަހަރު. މިހާރު އެމްއެންޑީއެފްގެ ރޭންކުތަކަށް ބަލާއިރު، އެންމެ މަތިން ފެށިގެން މިއީ ހަތަރު ވަނަ ރޭންކު،" ރައީސް ސޯލިހް ވިދާޅުވި އެވެ.

ސިފައިންގެ އިސް ރޭންކަށް ބަދަލުވި ތިން އަންހެނުންނަކީ، ލެފްޓިނެންޓް ކާނަލް ޙައްވާ ޝެނީން އާއި ލެފްޓިނެންޓް ކާނަލް ޑރ. ފާތިމަތު ތަޙްސީނާ އިބްރާހީމް އަދި ލެފްޓިނެންޓް ކާނަލް ޑރ. އައިމިނަތު ޝުމްރާ އެވެ.