އައިފޯން 15 ބާޒާރަށް ނުކުމެފައިވާއިރު މިފަހަރުގެ އައިއޯއެސް އަޕްޑޭޓް އައިސްފައިވަނީ ގިނަ ބަދަލުތަކަކާއެކުގަ އެވެ. އެގޮތުން ވެސް އެންމެ ފާހަގަ ކޮށްލެވުނު ބަދަލަކީ އާޓިފިޝަލް އިންޓަލިޖެންސް އެސިސްޓަންޓް "ސިރީ"އަށް ގެނެވުނު ބަދަލުތަކެވެ.

މީގެ ކުރިން އެސިސްޓަންޓް އެކްޓިވޭޓް ކުރުމަށްޓަކައި "ހޭ ސިރީ" ބުނަން ޖެހުނު ނަމަވެސް އާ އަޕްޑޭޓްއާއެކު ހަމައެކަނި "ސިރީ" ބުންޏަސް އޭއައި އެކްޓިވޭޓްވެ އެވެ. އެއީ ފޯނު ސްޓޭންޑްބައިގައި އޮތަސްމެ އެވެ.

މިއީ ގިނަ ބައަކަށް ފަސޭހަ ކުރުވި ބަދަލެއް ނަމަވެސް އިނގިރޭސިވިލާތުގެ އެޑިންބާގްގައި ދިރިއުޅެމުން އަންނަ 26 އަހަރުގެ ސިރީ ޕްރައިސްއަށް މި ބަދަލަކީ އެހާ ފަސޭހަ ބަދަލަކަށް ނުވި އެވެ.

މި ބަދަލާއެކު ސިރީއަށް އޭނާގެ ނަމުން މީހަކު ގޮވާލާ ކޮންމެ ފަހަރަކު ކައިރީގައި އޮންނަ އައިފޯނެއް ވިއްޔާ އޮންވެ އެވެ. މި ސަބަބަށްޓަކައި ސިރީ މިހާރު ވަނީ އޭނާގެ ނަން "ސިޒް"އަށް ބަދަލުކޮށްފަ އެވެ.

"މިހާރު އަހަންނަށް އަހަރެންގެ ނަމުން ވެސް މީހަކަށް ގޮވާނުލެވޭ. މިއީ އަހަންނަށް ބޮޑު އުނދަގުލަކަށް ވެއްޖެ" ސިރީ ބުންޏެވެ.

ސިރީއާއި އޭނާގެ ބައިވެރިޔާއަކީ ވެސް އައިފޯޯން ބޭނުންކުރާ ދެމީހުންނެވެ. ގޭތެރޭގައި އުޅޭއިރު ވެސް އޭނާގެ ބައިވެރިޔާ އޭނާއާ ވާހަކަދައްކާ ކޮންމެ ފަހަރަކު އައިފޯން އެކްޓިވޭޓްވާ ކަަމަށް ސިރީ ބުންޏެވެ.

ސިރީ އިތުރަށް ބުނީ އޭނާގެ ނަމަކީ ވިލާތުގައި ވަރަށް އާއްމު ނަމެއް ކަމަށާއި އެޕަލްގެ ސަބަބުން އެ ހުރިހާ މީހުންގެ ދިރިއުޅުމަށް އަސަރު ކޮށްފައިވާ ކަމަށެވެ.

ސިރީގެ އިތުރުން އެމޭޒަންއިން ބޭނުންކުރާ އެލެކްސާއަކީ ވެސް އެމެރިކާއާއި ޔޫރަޕްގައި ވަރަށް އާއްމު ނަމެކެވެ. އެ ނަން ކިޔާ މީހުންގެ ހާލަތަށް ވެސް ވިސްނާލުމަށް ސިރީ ބުންޏެވެ.