ކަރަން ޖޯހަރުގެ “ސްޓޫޑަންޓް އޮފް ދަ އިޔާ” އިން މީގެ 11 އަހަރުކުރިން ބޮލީވުޑަށް ނިކުތް ސިދާތު މަލްހޯތުރާ އޭނާގެ އަމިއްލަ ފިލްމު ޕްރޮޑަކްޝަން ހައުސްއެއް އުފައްދަން ނިންމައިފި އެވެ.

ބޮލީވުޑް ހަބަރުތައް ގެނެސްދޭ މީޑިއާތަކުގައި ރިޕޯޓް ކޮށްފައިވާ ގޮތުން ސިދާތު އަންނަނީ ވަރަށް އަވަހަށް އޭނާގެ އަމިއްލަ ޕްރޮޑަކްޝަން ހައުސްއެއް އުފެއްދުމުގެ މަސައްކަތް ކުރަމުންނެވެ. އެހެން ނަމަވެސް އެޕްރޮޑަކްޝަން ހައުސަށް ކިޔާނެ ނަމެއް ފައިނަލް ކޮށްފައިނުވެ އެވެ.

މިކަމާއި ބެހޭ ގޮތުން މާބޮޑު ތަފްސީލެއް ހާމަކޮށްފައިނުވެ އެވެ.

ކާމިޔާބު ފިލްމުތަކެއް ބެލުންތެރިންނާ ހަމައަށް ގެންދީފައިވާ ސިދާތު ދެން އެންމެ އަވަހަށް ފެންނާނީ މިއަހަރުގެ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހު ރިލީޒްކުރާ "ޔޯދާ" އިންނެވެ. މިފިލްމަކީ ކަރަން ޖޯހަރު ޕްރޮޑިއުސްކުރާ ފިލްމެކެވެ. ދިޝާ ޕަޓަނީ އާއި ރާޝީ ކަންނާ ވެސް އުޅޭ އެ ފިލްމަކީ އަލަށް ޑައިރެކްޝަނަށް ނުކުންނަ ސާގަރު އަމްބުރޭ އާއި ޕުޝްކަރު އޯޖާގެ ފިލްމެކެވެ.

'ޔޯދާ' އަކީ ހައިޖެކް ކޮށްފައިވާ މަތިންދާބޯޓެއް ސަލާމަތް ކުރުމަށް ސިފައިންގެ މީހުން ކުރާ މަސައްކަތް ދައްކައިދޭނެ ފިލްމެކެވެ.

ސިދާތް އެންމެ ފަހުން ފެނުނީ މިދިޔަ އޮކްޓޫބަރު މަހު ރިލީޒްކުރި "ތޭންކް ގޯޑް" އިންނެވެ.