ފަރީދީ މަގުގައި ހުރި ގެއެއްގެ ބެލްކަނި މަގުމައްޗަށް ވެއްޓިއްޖެ އެވެ.

މިހާދިސާ ހިނގަފައިވަނީ ދަދި ދެންމެ އެވެ. ވެއްޓިފައި ވަނީ ފަރީދީ މަގު މެދާކަށް ހިސާބުގައި ހުންނަ ސުންބުލާގެ ދެ ވަނަ ފަންގި ފިލާގެ ބެލްކަނީގެ ފާރެވެ.

އެ އިމާރާތަކީ ވަރަށް ބޮޑަށް ބާވެ ރެނދުލާފައިވާ ގެ އެކެވެ.

ފަރީދީ މަގުގައި ހުރި ގެއެއްގެ ބެލްކަނނި މިރޭ ވެއްޓިފައި؛ ފޮޓޯ: ހުރިހާ

އެސަރަހައްދުން ވާހަކަ ދެއްކި މީހަކު ބުނީ އެ ގެގައި އެގޮތަށް ރެނދުލާފައި ހުންނަތާ ވަރަށް ގިނަ ދުވަސް ވެއްޖެ ކަމަށެވެ. އަދި މީގެ ކުރިން އެތަށް ފަހަރަކު ފުލުހުންނަށާ މާލެ ސިޓީ ކައުންސިލުގެ ސަމާލުކަމަށްވެސް އެކަން ގެނެސްފައިވާ ކަމަށް އޭނާ ކިޔައިދިނެވެ.

"މިރޭ މި ވެއްޓުނީ ނަސީބަކުން މީހެއްގެ ބޮލަކަށް ނޫން، މީގެ ކުރިންވެސް ފުލުހުންނަށްވެސް މާލެ ސިޓީ ކައުންސިލުގެ ސަމާލުކަމަށްވެސް މިކަން ގެނެސްފަ ވާނީ މިހިސާބުގަ އުޅޭ މީހުން އެކަމަކު ހައްލެއް ނުލިބި ހުއްޓާ މިރޭ މި ވެއްޓުނީ،" އެމީހާ ކިޔައިދިނެވެ.

ފަރީދީ މަގުގައި ހުރި ގެއެއްގެ ބެލްކަނނި މިރޭ ވެއްޓިފައި؛ ފޮޓޯ: ހުރިހާ

މަގުމައްޗަށާއި އެގޭ ގޯޅި ތެރެއަށް ފާރު ވެއްޓި ވަނީ ފުނޑުފުނޑު ވެފަ އެވެ. މިހާދިސާގައި އެއްވެސް މީހަކަށް އަދި މަގުމަތީ ހުރި ސައިކަލަކަށްވެސް ގެއްލުމެއް ނުލިބެ އެވެ.