ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ކައުންސިލް އިންތިހާބުގައި ޕީޕީއެމް/ ޕީއެންސީ އަދި މޯލްޑިވްސް ނޭޝަނަލް ޕާޓީން އެކުގައި ވާދަކުރުމަށް ނިންމައިފި އެވެ.

އެމްއެންޕީން މިރޭ ބޭއްވި ކައުންސިލް ބައްދަލުވުމުގައި އެ ޕާޓީގެ ރައީސް މުހައްމަދު ނާޒިމް ވިދާޅުވީ، ރިޔާސީ އިންތިހާބުގައި ޑރ. މުހައްމަދު މުއިއްޒުއަށް ތާއިދުކުރަން ނިންމާ ޕީޕީއެމް/ޕީއެންސީއާ އެކު ހަދާފައިވާ އެއްބަސްވުމަކީ ކުރިއަށް އޮތް ފަސް އަހަރަށް އެކުލަވާލެވުނު އެއްބަސްވުމެއް ކަމަށެވެ. މި އެއްބަސްވުމުގައި ކުރިއަށް ހުރި އިންތިހާބުތަކުގައި ޕީޕީއެމް/ޕީއެންސީ އެކުގައި ވާދަކުރުމާ ބެހޭގޮތުން ވަކި މާއްދާއެއް ހިމަނާފައިވާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ ކައުންސިލް އިންތިހާބުން ފެށިގެން، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެސް އަދި އެހެނިހެން ހުރިހާ އިންތިހާބުތަކުގައި ވެސް، ތިން ޕާޓީން ވެސް ކެނޑިޑޭޓުން ވާދަކުރުމަށް ބޭނުންވާ ނަމަ، ތިން ޕާޓީގެ މެމްބަރުންގެ މެދުގައި ޕްރައިމަރީއެއް ބާއްވާނެ ކަމަށާއި، އިންތިހާބުގައި ވާދަކުރާނީ ޕްރައިމަރީން ހޮވޭ ފަރާތެއް ކަމަށެވެ.

ޕްރައިމަރީ ބާއްވާ ޕްރައިމަރީ ކާމިޔާބުކުރާ ފަރާތަކަށް، ތިން ޕާޓީން ވެސް އިހްތިރާމްކުރާނެ ކަމަށާއި، އެފަރާތަކަށް އިންތިހާބު ކާމިޔާބުކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް އެކުގައި ކުރުމަށް ވެސް މި އެއްބަސްވުމުގައި ބަޔާންކޮށްފައިވާނެ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.

"ވަރަށް އަވަސް މުސްތަގުބަލެއްގައި، ކައުންސިލް މެމްބަރުންނަށް އެ އެއްބަސްވުން ހިއްސާކުރާނަން. އިންތިހާބުތަކުގައި ވާދަކުރުމާއި ބެހޭގޮތުން، ތިން ޕާޓީން އެއްބަސްވެފައިވާ މާއްދާއެއް މި އެއްބަސްވުމުގައި އޮންނާނެ. އެއީ ހުރިހާ އިންތިހާބެއްގައި ވެސް ތިން ޕާޓީން ކެނޑިޑޭޓުން ވާދަކުރާ ނަމަ، ތިން ޕާޓީގެ އާއްމު މެމްބަރުންގެ މެދުގައި ޕްރައިމަރީއެއް ބާއްވާ، ޕްރައިމަރީ ކާމިޔާބު ކުރާ ފަރާތުން އެ އިންތިހާބުގައި ވާދަކުރުން،" ނާޒިމް ވިދާޅުވި އެވެ.