އިންތިގާލީ މަރުހަލާގައި ސަރުކާރު ކުންފުނިތަކުން ބައެއް ކަންކަން ނުކުރުމަށް އިންތިހާބީ ރައީސްގެ އޮފީހުން އެންގުމުން ކުންފުނިތައް ހިންގުމަށް ދަތިވާ މައްސަލަ މަޖިލީހުގެ ސަރުކާރު ހިއްސާވާ ކުންފުނިތަކާ ގުޅޭ ކޮމިޓީ (އެސްއޯއީ) އިން ބަލަން ފަށައިފި އެވެ.

އާ ސަރުކާރު ބަދަލުވަމުން އަންނަ އިންތިގާލީ މަރުހަލާގައި ސަރުކަރުން ކުރަމުން އަންނަ ކަންކަން ހުއްޓާލުމަށް އިންތިހާބީ ރައީސްގެ އޮފީހުން އެދިފައިވީ ނަމަވެސް ބައެއް ގައުމުތަކަށް ސަފީރުން އައްޔަން ކުރުމަށް ވަނީ މަޖިލީހަށް ފޮނުވައިފަ އެވެ. ސަރުކާރުން ހަތް ކަމެއް ނުކުރުމަށް އެދި އިންތިހާބީ ރައީސްގެ އޮފީހުން ވަނީ ރައީސް އިބްރާހީމް މުހައްމަދު ޞާލިހުއަށް ދަންނަވައިފަ އެވެ. އަދި ސަރުކާރު ކުންފުނިތަކުން ވެސް 10 ކަމެއް ނުކުރުމަށް އިންތިހާބީ ރައީސްގެ އޮފީހުން ވަނީ އަންގައިފަ އެވެ.

މަޖިލީހުގެ އެސްއޯއީ ކޮމެޓީއަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) މިއަދު ހާޒިރުކޮށް ކޮމެޓީގެ މުގައްރިރު ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ ވިދާޅުވީ، ރިޔާސީ އިންތިހާބަށް ފަހު ކުންފުނިތައް ހިންގުމަށް ހުރަސް އެޅޭގޮތަށް ޕީސީބީން އެންގުންތައް އަންގަމުންދާ ކަމަށެވެ. އެގޮތަށް އެންގުންތައް އެންގުމުން މެނޭޖްމަންޓުން އަންގާ އެންގުންތަކަށް މުވައްޒަފުން ބޯނުލެނބުން ފަދަ މައްސަލަތައް ފެންމަތިވަމުން އަންނަ ކަމަށް އީސަ ވިދާޅުވި އެވެ.

އީސަ ވިދާޅުވީ އިންތިގާލީ މަރުހަލާގައި ބައެއް ކަންކަން ނުކުރުމަށް އަންގަމުންދާތީ ކުންފުނިތައް ހިންގުމަށް ހުރަސް އެޅެމުންދާ ކަމަށެވެ. އެފަދަ މައްސަލަތައް ކުންފުނީގެ އިސް މުވައްޒަފުން ފާހަގަކުރާ ކަމަށް އީސަ ވިދާޅުވި އެވެ.

ސަރުކާރު ކުންފުނިތަކުން 10 ކަމެއް ނުކުރުމަށް އެދި އިންތިހާބީ ރައީސްގެ އޮފީހުން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އަށް ވަނީ އަންގައިފަ އެވެ. އަދި ސަރުކާރުން ވެސް ހަތް ކަމެއް ނުކުރުމަށް އެދި އިންތިހާބީ ރައީސް ވަނީ ސިޓީއެއް ފޮނުއްވައިފަ އެވެ.

މީގެ ކުރިން ޕީސީބީން ބުނެފައި ވަނީ އިންތިގާލީ މަރުހަލާގައި ވެސް މިހާރު ހިންގަމުން އަންނަ މަޝްރޫއުތަކާ އަދި އެ މަޝްރޫއުތަކުގެ މުއްދަތު އިތުރު ކުރުން ފަދަ ކަންކަން ކުރިއަށް ގެންދެވޭނެ ކަމަށެވެ.