ނ. މަނަދޫގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވައި ފެނުނު ނައީމާ މޫސާގެ މަރުގެ މައްސަލައިގައި ދައުވާ ނުުރެވި އޮތީ އަދިވެސް ބައެއް ފޮރެންސިކް ރިޕޯޓުތައް ނުނިމޭތީ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.
ނައީމާ މަރުވެފައި އޮއްވާ ފެނުނީ މިދިޔަ އޭޕްރީލް މަހުގެ ހަތްވަނަ ދުވަހު ނައީމާ ޑިއުޓީއަށް ނުގޮސްގެން އަދި އޭނާގެ ހަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓްކުރުމުން ފުލުހުން އެ ދުވަހު ހަވީރު އެ ގެއަށް ގޮސް ނައީމާ ދިރިއުޅޭ ގޭގެ ކޮޓަރީގެ ދޮރު ވައްޓާލައިގެން ބެލިއިރު އެވެ. ފުލުހުން ގެއަށް ވަންއިރު ނައީމާ އޮތީ ޒަހަމްތަކަކާ އެކު ތަޅުންގަނޑު މަތީގައި މަރުވެފަ އެވެ. އަދި ހަށިގަނޑުގައި ގިނަ އަދަދަކަށް ޒަހަމު ހުއްޓެވެ.
ނައީމާގެ މަރުގެ މައްސަލައާއި ގުޅޭގޮތުން ޕީޖީ އޮފީހުގެ އޮފިޝަލް ވިދާޅުވީ ނައީމާގެ މަރުގެ މައްސަލާގައި އަދިވެސް ބައެއް ފޮރެންސިކް ރިޕޯޓުތައް ނުނިމޭ ކަމަށެވެ. އެކަމުގެ މާބޮޑު ތަފްސީލެއް ޕީޖީ އޮފީހުން ނުދެ އެވެ.
ޕީޖީ އޮފީހުގެ އޮފިޝަލް ވިދާޅުވީ އެމައްސަލައިގެ ތަހުގީގު އެއްކޮށް ނުނިމޭ ކަމަށާ ފުލުހުންނާ ގުޅިގެން އެމައްސަލަ ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ.
ނައީމާ މޫސާގެ މަރުގެ މައްސަލައިގައި 3 މީހުން ހައްޔަރު ކުރި އެވެ. އެއީ ނ. މަނަދޫ އަށް ނިސްބަތްވާ ބައެކެވެ. ހައްޔަރުކޮށްފައި ވަނީ، އަހުޒަމް އަބްދުލްޝަކޫރު (23 އ.) ހުސައިން ފަވާޒު ( 21 އ) އާއި އަބްދުލްވާހިދު ރިފާސް (21 އ.) އެވެ.
އެ އެންމެންވެސް ޝަރީއަތް ނިމެންދެން ބަންދުގައި ބޭތިއްބުމަސް ވަނީ އަމުރުކޮށްފަ އެވެ.