ސަލްމާން އާއި ކެޓްރީނާ ކެއިފް މުހިއްމު ރޯލުތަކުން ފެންނަ 'ޓައިގާ' ފްރެންޗައިޒްގެ ތިންވަނަ ފިލްމު 'ޓައިގާ 3' އަންނަ މަހު ސިނަމާތަކުގައި ރިލީޒްކުރާނެ އެވެ.

މިފިލްމާ ބެހޭ ގޮތުން ކެޓްރީނާ ބުނީ މިއީ އޭނާގެ ފިލްމީ ހަޔާތުގައި މިހާތަނަށް ކުޅުނު އެންމެ އުނދަގޫ ފިލްމު ކަމަށެވެ. އެހެން ނަމަވެސް މިފިލްމުގައި އޭނާ ކުޅުނު ރޯލާ މެދުގައި ހިތްހަމަޖެހޭ ކަމަށްވެސް ކެޓްރީނާ ބުންޏެވެ.

މިފިލްމުގައި ކެޓްރީނާ ފެނިގެންދާނީ ޒޯޔާ ކިޔާ އެކްޝަން ކެރެކްޓާއަކުންނެވެ.

"މިއީ އެ ކެރެކްޓާއެއްގައި އަހަރެން ބޭނުންވާ ހުރިހާ ކޮލިޓީއެއް އެކުލެވޭ ރޯލެއް. އެކަމަކު މި ފަހަރުގެ މި ފިލްމަކީ އެންމެ ޗެލެންޖިން ފިލްމު. ހަގީގަތަށް ބުނަންޏާ ވަރަށް އުނދަގޫ ފިލްމެއް ޓައިގާ ތިނެކަކީ،" ޓައިގާގެ ތިން ފިލްމުންވެސް ފެނިގެންދިޔަ ބަތަލާ ކެޓްރީނާ ބުންޏެވެ.

"ޓައިގާ 3" ރިލީޒްކުރާ ތާރީހު ގާތްވަމުން އަންނަ އިރު، ކެޓްރީނާގެ ސޯލޯ އާ ޕޯސްޓަރެއް ވެސް ވަނީ ދައްކާލައިފަ އެވެ. އަދި މި ފިލްމުގެ ޓްރެއިލާ މި މަހުގެ 16 ގައި ބެލުންތެރިންނަށް ދޫކޮށްލާނެ އެވެ.

އަންނަ މަހުގެ ތެރޭގައި ފާހަގަކުރާ ދިވާލީ ފެސްޓިވަލާ ދިމާކޮށް ރިލީޒްކުރާ ފިލްމުގެ ޑައިރެކްޓަރަކީ "ބޭންޑް ބާޖާ ބާރަތު" އާއި "ފޭން" ފަދަ ފިލްމުތައް ގެނެސްދިން މަނީޝް ޝަރުމާ އެވެ.

ކުރީގެ ދެ ފިލްމަށް ބޮޑު ތަރުހީބެއް ލިބިފައިވާ 'ޓައިގާ' ފްރެންޒައިޒްގެ ތިންވަނަ ފިލްމާމެދު ކުރެވޭ އުއްމީދު ބޮޑެވެ. އެ ފިލްމުގައި، ފިލްމު 'ޕަތާން'ގައި ޝާހުރުކް ހާން ފެންނާނެ ލުކްގައި އޭނާގެ ހާއްސަ ފެނިލުމެއް ހިމެނޭއިރު ވިލަންގެ ރޯލުން އިމްރާން ހާޝްމީ ވެސް ފެންނާނެ އެވެ.

ޔާޝްރާޖް ފިލްމްސްގެ ސްޕައި ޔުނިވާސްއަށް ނިސްބަތްވާ މި ފިލްމުގެ ފުރަތަމަ ބައި "އޭކް ތަ ޓައިގާ" 2012 ވަނަ އަހަރު ގެނެސްދީފައިވާއިރު ދެވަނަ ބައި "ޓައިގާ ޒިންދާހޭ" ގެނެސްދީފައިވަނީ 2017 ވަނަ އަހަރުއެވެ.