ޕޮލިސް ކޮމިޝަނަރުގެ މަގާމުގައި ހުންނެވި މުހައްމަދު ހަމީދު މަގާމުން ރިޓަޔާކުރައްވަން ނިންމަވައިފި އެވެ.
ސީޕީ ހަމީދު މިކަން ހާމަކޮށްފައި ވަނީ ފުލުހުންގެ އިސްވެރިންތަކެއް ހިމެނޭ ވަޓްސްއަޕް ގުރޫޕަކަށް ފޮނުއްވި މެސެޖެއްގަ އެވެ. އެ މެސެޖްގައި ހަމީދު ވިދާޅުވީ އޭނާއަކީ ކަންކަމުގައި ދެކެވަޑައިގަންނަވާ ގޮތް ހާމަކުރައްވާ އަދި ޕްރޮފެޝަނަލް މިންގަނޑުން އަމަލުކުރައްވާ ބޭފުޅަކަށްވާތީ އޭނާއާ މެދު ބައެއް ބޭފުޅުން ގޯސްކޮށް ދެކެވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް ސީޕީގެ މަގާމާ ހަވާލުވެވަޑައިގެންނެވި އިރު މުއައްސަސާގެ ނަން އޮތީ ކިލަނބުވެއި ކަމަށާއި އެހެންވެ ފުލުހުންގެ ސަފުތައް އަލުން ބަދަހިކުރެއްވުމަށާއި މުއައްސަސާގެ ކުރިމަގަށްޓަކައި އޭނާ މަސައްކަތްކުރެއްވީ އަމިއްލަ ވިސްނުންތަކާއި ހިޔާލުތައް އެއްފަރާތްކޮށްގެން ކަމަށް ވިދާޅުވެފައިވެ އެވެ.
ހަމީދު ފާހަގަކުރެއްވި ގޮތުގައި ފުލުހުންނާ މެދު ރައްޔިތުން ކުރާ އުއްމީދުތަކެއް އަދިވެސް ހުރުމާ އެކު ފުލުހުން ކުރަން ޖެހޭ އިތުރު ކަންތައްތަކެއް އަދިވެސް އެބަހުއްޓެވެ. އެހެންވެ އޭނާގެ ތަޖުރިބާތައް ކުރިއަށް އޮތް ތަނުގައި ވެސް ހިއްސާކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި ފުލުހުންގެ ޗީފް ސްޕްރިންޓެންޑެންޓެއްގެ ހައިސިއްޔަތުން ފުލުހުންގެ އިންޓެލިޖެންސްގެ ވެރިޔާގެ ގޮތުގައި ހުންނަވަނިކޮށް އޮގަސްޓް 2012 ގައި ފުލުހުންގެ ވަޒީފާ އިން ހަމީދު ވަކިކޮށްފައިވެ އެވެ. އޭނާއަށް އޭރު ތުހުމަތުކުރީ ފުލުހުންގެ ސިއްރު މައުލޫމާތުތަކެއް ލީކުކުރި ކަމަށެވެ.
ވަޒީފާ އިން ވަކިކުރި މައްސަލައިގައި ކޯޓަށް ވަޑައިގެން ސިވިލް ކޯޓާއި ސުޕްރީމް ކޯޓުގައި މައްސަލަ ކާމިޔާބުކުރި ނަމަވެސް ހައިކޯޓުން އޭރު ހުކުމް ކުރީ ހަމީދު ވަޒީފާ އިން ވަކިކުރީ ރަނގަޅަށް ކަމަށެވެ. ހަމީދު ވަޒީފާ އިން ވަކިކުރީ ގޯސްކޮށް ކަމަށް ކަނޑައަޅައި ޑިސެމްބަރު 2، 2018 ގައި ސުޕްރީމް ކޯޓުން ހުކުމްކުރުމާ ގުޅިގެން އޭނާއަށް ފުލުހުންގެ ވަޒީފާ އަލުން ދިނީ ޑިސެމްބަރު 4، 2018 ގައެވެ. އަލުން އޭނާ އައްޔަންކުރެއްވީ ވެސް ފުލުހުންގެ އިންޓެލިޖެންސް ވެރިޔަކަށެވެ.
ހަމީދުގެ ޅިޔަނު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގެ ޒިންމާ ވަގުތީ ގޮތުން ހަމީދުއާ ހަވާލުކުރެއްވީ ޑިސެމްބަރު 12، 2018 ގައެވެ. ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް ރަސްމީކޮށް ހަމީދު އައްޔަންކުރެއްވީ މާޗް 26، 2019 ގައެވެ. އެ ދުވަހުން ފެށިގެން މިއަދާ ހަމައަށް ވެސް ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވީ ހަމީދު އެވެ
ހަމީދު ރިޓަޔާ ކުރައްވަން އުޅުއްވާކަން ހިއްސާކުރެއްވި މެސެޖުގައި ވަނީ ދެވަނަ ފަހަރަށް ފުލުހުންގެ ހިދުމަތާ ގުޅިވަޑައިގެން މުއައްސަސާގެ ތަރައްގީއަށް ކުރެއްވި ކަންކަން ފާހަގަކުރައްވައި އެ މަސައްކަތުގައި ފުލުހުންގެ އިސްވެރިންނާއި ހުރިހާ ފުލުހުންގެ ފަރާތުން ލިބުނު އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރައްވާ ޝުކުރު ވެސް އަދާކުރައްވައިފަ އެވެ. އަދި ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ރިޓަޔާ ކުރެއްވުމަށް ނިންމަވާފައިވާ ކަމަށާއި އެކަން ކުރައްވާނެ ތާރީހެއް ކަަމަށް ބެލެވެނީ އަންނަ މަހުގެ 11 ވަނަަ ދުވަސް ކަމަށް ވެސް ވިދާޅުވި އެވެ.