ކޮވިޑް ނަމްބަރު މައްޗަށް ދާތީ އަނެއްކާ ވެސް މިރެއިން ފެށިގެން ކާފިއު އިއުލާންކޮށްފި އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ މިރޭ ނެރެފައިވާ އެންގުމެއްގައި ބުނެފައިވަނީ މިރެއިން ފެށިގެން މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ރޭގަނޑު 12 އިން ފެށިގެން ފަތިހު ހަތަރަކަށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމައްޗާއި އާންމު ތަންތަނަަށް ނިކުމެ އުޅުން މަނާކޮށްފައިވާ ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން މާލެ ސަރަހައްދުގައި ސަރަހައްދުގައި އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް ނުކުތުން މަނާކޮށް އިއުލާންކުރި ކާފިއު އުވާލީ ޑިސެމްބަރު 17ގަ އެވެ.

މިރެއިން އަލުން ކާފިއު އިއުލާންކުރިއިރު ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ނެގި 3،338 ސާމްޕަލުން 145 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވެ އެވެ.

އެޗްޕީއޭއިން މިރެއިން ފެށިގެން އަޅާ ފިޔަވަޅުތަކުގެ ތެރޭގައި

  1. މި ހިނދުން ފެށިގެން، މާލެއާއި، ހުޅުމާލެއާއި، ވިލިމާލޭގައި، ޕާޓީތަކާއި، ޙަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ހުއްޓައިލުން
  2. މިރޭ 12ން ފެށިގެން ފަތިހު 4:00 އަށް، މާލެއާއި، ހުޅުމާލެއާއި، ވިލިމާލޭގައި، އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާކުރުން.
  3. މި ހިނދުން ފެށިގެން، މާލެއާއި، ހުޅުމާލެއާއި، ވިލިމާލެއިން ރާއްޖޭގެ އެހެނިހެން ރަށްރަށަށް ދަތުރުކުރާ ފަރާތްތައް ކަރަންޓީނު ކުރުން.
  4. 2021 ޖަނަވަރީ 29 ވަނަ ދުވަހުން ފެށިގެން، ފަތުރުވެރިން ފިޔަވައި، ރާއްޖެއިންބޭރުން އަންނަ ފަރާތްތައް ދިހަ ދުވަހުގެ މުއްދަތަށް ކަރަންޓީނުކުރުން.

އެޗްޕީއޭ އިން ބުނީ އެ އެންގުމަށް އަމަލުކުރަން ފެށުމުން، ހެލްތް ޕޮރޮޓެކްޝަން އެޖެންސީން ނޮވެންބަރު 7، 2020ގެ އެންގުމާއި، ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ޑިސެންބަރު17، 2020ގެ އިއުލާނާއި، ހެލްތް ޕްރޮޓެކްޝަން އެޖެންސީން ޑިސެންބަރު 17، 2020ގެ އެންގުމުގެ 2 ވަނަ ނަންބަރު ބާތިލުވެފައިވާ ކަމަށެވެ.

ކޮވިޑް ފެތުރިގެން މިހާރު ވެސް ހަތަރު ރަށެއް ވަނީ މޮނިޓަރިންއަށް ލައިފަ އެވެ. އެއީ ގއ. ދެއްވަދޫ އެއަތޮޅު ދާންދޫ އާއި އއ. ތޮއްޑޫ އަދި މ. ކޮޅުފުއްޓެވެ. ދެއްވަދޫ ކްލަސްޓާއާ ގުޅުންހުރި 83 މީހަކު ޕޮޒިޓިވްވެފައިވާއިރު ކޮޅުފުށިން މިހާތަނަށް 10 މީހަކު ޕޮޒިޓިވްވެފައިވެ އެވެ. އަދި ތޮއްޑޫއިން އިއްޔެ މާލެ އައި އެރަށުގެ ޕްރީ ސްކޫލް ޓީޗަރަކު ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.