އދ. ދަނގެތިން އެކަނި މަހަށް ނުކުތް ދިވެހި މީހާ އަދިވެސް ނުފެންނަ ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.
ގެއްލިގެން ހޯދަނީ އދ. ދަނގެތި ޔޫސުފް އިބްރާހިމް، 68 އެވެ.
އެމްއެންޑީއެފުން އިއްޔެ ބުނީ އެ މީހާ ގެއްލުނީ ކުޑަ ދޯންޏެއްގައި މަހަށް ނުކުމެ އުޅެނިކޮށް ކަމަށާއި އެ ރިޕޯޓް ލިބުނީ މިއަދު 11:42 ހާއިރު ކަމަށެވެ. އެމީހާ މަހަށް ނުކުތީ މިއަދު ފަތިިހު ކަމަށްވެ އެވެ. އެއީ އާންމުކޮށް ވެސް މަހަށް ގޮސް އުޅޭ މީހެކެވެ.
އެމްއެންޑީއެފް އިން ބުނީ އެ މީހާ ހޯދުމުގެ މަސައްކަތް ކޯސްޓްގާޑުން ކުރަމުން އަންނަ ކަމަށެވެ. އަދި މިއަދުގެ ވަގުތެއްގައި ޑޯނިއާ މަތިންދާ ބޯޓުގެ ބޭނުން ކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ.
ޔޫސުބެ ކުޑަ ދޯންޏެއްގައި މަހަށް ނުކުތީ އިއްޔެ ފަތިހުގެ ވަގުތެއްގަ އެވެ.
ޔޫސުބެ ހޯދުމަށް ކޯސްޓްގާޑްގެ ޑައިވަރުންނާ އެކު ދަނގެތީގެ ޑައިވަރުންނާއި ކައިރި ރިސޯޓުތަކުގެ ޑައިވަރުން ހަރަކާތްތެރިވަމުންދާ އިރު، ކަނޑު މަގުން ހޯދުމުގެ މަސައްކަތުގައި ކޯސްޓްގާޑްގެ ފާސްޓް އިންޓަސެޕްޓާ ކްރާފްޓް "ހަކުރާ" އާއެކު ފުލުހުންނާއި ކައިރި ރިސޯޓުތަކާއި ދަނގެތީގެ ބައެއް އުޅަނދުތައް ހަރަކާތްތެރިވަމުންދާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
އެމްއެންޑީއެފް އިން ބުނި ގޮތުގައި މި މީހާ މަހަށް ނުކުތީ އދ. އޮރިމަސް ފަޅުގެ އިރުމަތި ފަރާތަށެވެ. އަދި މަހަށް ދިޔަ ދޯނި އދ.ރަންދެލި އުތުރު ކަނޑުއޮޅިން ދަނިކޮށް އިއްޔެގެ 09:00 އާއި 09:30 އާ ދެމުދު ވަގުތެއްގައި އެ ދޯނި ބަޔަކަށް ފެނިފައިވެއެވެ.
އެމީހާ ގެއްލުނު އިރު، ލައިގެން ހުރީ ރަތް ކުލައިގެ ޓީޝާޓެއް ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
މި މީހާއާ ބެހޭ އެއްވެސް ޚަބަރެއް ވޭތޯ މި ސަރަހައްދުން ދަތުރުކުރައްވާ އުޅަނދު ފަހަރުންނާއި، މި ހިސާބުގެ ރަށްތަކުން ބެލުމަށް އެމްއެންޑީއެފް އިން އެދެއެވެ. އަދި މިމީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ލަސްނުކޮށް އެމްއެންޑީއެފް ކޯސްޓްގާޑްގެ ހިލޭ ގުޅޭ ނަންބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅައި، ފެކްސް ކުރައްވާނަމަ 3391665 މި ނަންބަރަށް ފެކްސް ކުރުމަށް ވެސް އެމްއެންޑީއެފް އިން އެދެ އެވެ.