ސިނަމާލެ ބްރިޖުގައި ބާރު ސްޕީޑުގައި ދުއްވައި ގަވައިދާ ހިލާފަށް ލޭން ބަދަލުކުރި 120 މީހަކަށް އިންޒާރުގެ މެސެޖު ފޮނުވާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ އިއްޔެ ހެނދުނު 7:30 އިން ފެށިގެން މިއަދު ހެނދުނު 7:30 އާ ހަމައަށް ސިނަމާލެ ބްރިޖުގައި ގަވައިދާ ހިލާފަށް ދުއްވި 120 މީހަކަށް މެސެޖު ފޮނުވައި ނަސޭހަތް ދީފައިވާނެ ކަމަށެވެ. މި މެސެޖު ފުލުހުން ފޮނުވަނީ އުޅަނދުގެ ވެރިފަރާތުގެ ފޯނު ނަންބަރަށެވެ.

ފުލުހުން ބުނެފައިވަނީ މި މެސެޖުގައި ދުއްވި ގަޑި އާއި ތާރީހު އެނގޭނެހެން، ގަވާއިދާ ހިލާފްވެފައިވާކަން ބަޔާންކޮށްފައިވާނެ ކަމަށެވެ. މިގޮތުން ފުލުހުން އުޅަނދުގެ ވެރިފަރާތަށް ފޮނުވާ މެސެޖުގައި އެއްވެސް ލިންކެއް ހިމަނާފައި ނުވާނެކަން ވެސް ފުލުހުން ވަނީ ބުނެފަ އެވެ..

ބުރިޖުގައި ދުއްވާ އުޅަނދުތައް ފުލުހުން ދެނެގަންނަނީ ބުރިޖުގައި ހަރުކޮށްފައިވާ ކެމެރާތައް މެދުވެރިކޮށެވެ. މިއީ ބުރިޖުގެ ބޭނުންކުރާ އެންމެހާ ފަރާތްތަކުގެ ސަލާމާތާއި ރައްކާތެރިކަމަށްޓަކައި ބޭނުންކުރެވޭ ވަސީލަތެއް ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހަދާފައިވާ ގަވައިދުތަކުގައި ކަނޑައަޅާފައިވާ ސްޕީޑަށް ވުރެ ބާރަށް އުޅަނދު ނުދުއްވުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފަ އެވެ.