ދަފްތަރުގެ ރައްޔިތުންނަށް ރައްޔިތުންގެ މަޖިލީހުގައި ހާއްސަ ދާއިރާއެއް ކަނޑައެޅުމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ގޮވާލައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ދާއިރާތައް ތަމްސީލުކުރާ މެމްބަރުންގެ އަދަދާ ގުޅޭގޮތުން ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ބިލަށް ވާހަކަ ދައްކަވަމުން މެމްބަރު އަލީ ހުސައިން ވިދާޅުވީ ދަފްތަރުގައި 15،000 އާއި 20،000 އާ ދެމެދުގެ ރައްޔިތުން އެބަތިބި ކަމަށެވެ. ދަފްތަރުގެ ރައްޔިތުންނަށް ވެސް ހަމަހަމަކަމާ އެކު މަޖިލީހުގައި ތަމްސީލުވުމުގެ ފުރުސަތު ލިބެންޖެހޭ ކަމަށް ވިދާޅުވި އެވެ.

އަލީ ހުސައިން ވިދާޅުވީ އެމީހުންގެ އަޑު މަޖިލީހުގައި އިވެމުން ނުދާތީ ދަފްތަރު މީހުންނަކީ އަޑުއުފުލުުމުގެ ހައްގުން މަހުރޫވެފައިވާ ބައެއް ކަމަށެވެ. އަދި ދަފްތަރު މީހުންނަކީ އެއިރެއްގައި އޮންނަ ސަރުކަރަކުން ބޭނުންވާ މީހަކު ހޮވުމަށް ފުޅިމަދު އުނގުރި ޖަހާ ގޮތަށް ކޮންމެ ދާއިރާއަކަށް ވެސް އަޅައިލަން އޮންނަ ބައެއްކަމަށެވެ.

"ކޮންމެ އިންތިޚާބަކާ ދިމާކޮށް އެމީހުން ކޮންމެވެސް ދާއިރާއަކަށް އެބަ ބަހާލާ. ރިޔާސީ އިންތިހާބުގައި އެހެން ދާއިރާއެއް، މަޖިލިސް އިންތިހާބުގައި އެހެން ދާއިރާއެއް، ކައުންސިލް އިންތިހާބުގައި އެހެން ދާއިރާއެއް. މި ތިބި ރައްޔިތުންނަކީ އޭރެއްގައި އޮންނަ ސަރުކާރަކުން ބޭނުންވާ މީހަކު ހޮވަން ބޭނުންވީމައި ކޮންމެ ދާއިރާއަކަށް ވެސް ކުޓުނި އަޅާލާ ގޮތަށް ނޫނީ ފުޅިމަދު އުނގުރި ޖަހާ ގޮތަށް އަޅައިލަން އޮންނަ ބަޔެއްގެ ގޮތުގައި ތިބޭ ބަޔެއް،" އަލީ ހުސައިން ވިދާޅުވި އެވެ.

އަލީ ހުސައިން ވިދާޅުވި ބޯހިޔާ ވަހިކަމާ ޖެހުނީމާ އެމީހުންނަކީ މުޅިން އެހެން ބަޔަކަށް ހަދާ ކަމަށެވެ. އެގޮތުން އިންތިހާބުގައި މާލޭގެ ރައްޔިތުންގެ ގޮތުގައި ވޯޓުލާފައި، ބޯހިޔާވަހިކަމާއި އެހެނިހެން މަޝްރޫއުތަކުގައި މާލޭގެ ރައްޔިތުންނާއި ދަފްތަރުގެ ރައްޔިތުން ވަރަށް ބޮޑަށް ތަފާތުކުރުން ގެންގުޅޭކަމަށެވެ.

މާލެ ދަފްތަރު މީހުންނަށް ވަކި ހާއްސަ ގޮނޑިތަކެއް ރައްޔިތުންގެ މަޖިލީހުގައި ކަނޑައެޅުމަކީ ގާނޫނަށް އެއްވެސް ބަދަލެއް ނުގެނެސް އިލެކްޝަންސް ކޮމިޝަނަށް ކުރެވިދާނެ ކަމެއް ކަމަށް އަލީ ހުސައިން ވިދާޅުވި އެވެ.