ސިއްހީ ދާއިރާގެ ހިދުމަތް ހުއްޓުމަކަށް ނާންނާނެ ކަމަށް ސަރުކާރުން ބުނެފި އެވެ.
ސަރުކާރުން މިހެން ބުނެފައިމިވަނީ ހެލްތު މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުރި ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކަށް ފޯރުކޮށްދޭން ޖެހޭ ވަސީލަތްތައް އޯޑަރުކޮށްފައި ނުވާތީ އެ ތަންތަނުން ދޭ ހިދުމަތްތައް ހުއްޓުމަކަށް އަންނަ ކަމަށް އިންތިހާބީ ރައީސްގެ އިންތިގާލީ ތަރުޖަމާނު މުހައްމަދު ފިރްޒުލް އިއްޔެ ވިދާޅުވުމާއި ގުޅިގެންނެވެ.
ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވީ ސިއްހީ ހިދުމަތްތައް ހުއްޓުމަކަށް ނާންނާނެ ކަމަށާއި ސިއްހީ ދާއިރާއަށް ބޭނުންވާ ސާމާނު ހުއްޓުމެއް ނެތި މިހާރު ވެސް ލިބޭނެ ކަމަށެވެ. އަދި ކޮވިޑް19ގެ ދުވަސްވަރު ވެސް ރާއްޖެއަށް ސިއްހީ ހިދުމަތަށް ބޭނުންވާ ސާމާނު ގެނައިކަން މިއުވާން ފާހަގަކުރެއްވި އެވެ.
މިއުވާން ވިދާލުވީ ސިއްހީ ދާއިރާ ހުއްޓުމަކަށް އަންނާނެ ކަމަށް ވިދާޅުވެ ދައްކަމުންދާ ވާހަކައަކީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށާއި މައުލޫމާތުގެ އެއްބައި ބޭނުންކޮށްގެން ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފެދޭ ގޮތަށް އެފަދަ ވާހަކަތައް ނުފެތުރުމަށް އެދޭ ކަމަށެވެ.
"ސިއްހީ ދާއިރާ ހުއްޓުމަކަށް ނާންނާނެ ކޮވިޑްގެ ތެރޭގައި ވެސް ސިއްހީ ދާއިރާއަށް ބޭނުންވާ ސާމާނު ހުއްޓުމެއް ނެތި ގެނެވުނު ފަދައިން މިހާރު ވެސް ލިބޭނެ. ރައްޔިތުންގެ ހިތުގައި ބިރުވެރިކަމާ ހާސްކަން އުފެދޭ ގޮތަށް، ލިބޭ މައުލޫމާތުގެ އެއްބައި ބޭނުންކޮށްގެން މިފަދަ ވާހަކަތައް ނުފެތުރުން އެދެން," މިއުވާން ވިދާޅުވި އެވެ.
އިންތިހާބީ ރައީސްގެ އޮފީހުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިރުޒުލް ވިދާޅުވީ ކޮންމެ އަހަރަކު ދެ ފަހަރު ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކަށް ޕީއޯ ރެއިޒް ކުރަމުންދާ ކަމަށެވެ. އަދި މިހާތަނަށް އައިއިރު، މި އަހަރުގެ ދެވަނަ ހަ މަސް ދުވަހަށް ބޭނުންވާ ސާމާނަށް ޕީއޯ ރެއިޒް ނުވަތަ އޯޑަރުކޮށްފައި ނުވާ ކަމަށެވެ.
މި ހާލަތު މިގޮތަށް ދެމިގެން ހިނގައްޖެ ކަމަށްވާ ނަމަ، ނޮވެމްބަރު މަހާ ހަމައަށް ނުވަތަ ނޮވެމްބަރު މަހުގެ މެދަކާ ހަމައަށް އަންނަ އިރު، ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުގައިދޭ ވަރަށް ގިނަ ހިދުމަތްތައް ހުއްޓުމަކަށް އަންނާނެ ކަމަށް ފިރުޒުލް ވިދާޅުވި އެވެ.
ހެލްތު މިނިސްޓްރީއަށް 2.2 ބިލިއަން ރުފިޔާގެ ބަޖެޓެއް މި އަހަރަށް ރައްޔިތުންގެ މަޖިލީހުން ދީފައި ވެއެވެ. ސަރުކަރު ހޮސްޕިޓަލްތައް ނުވަތަ ސިއްހީ ބައެއް ހިދުމަތްތައް ހުއްޓުމަކަށް އަތުވެދާނެ ކަމަށް ބުނެ ދެކެވޭ ވާހަކަތަކަކީ ސަރުކާރު މައި ހޮސްޕިޓަލް އައިޖީއެމްއެޗުގައި ހިދުމަތްދޭ ހިތުގެ ޑިޕާޓްމަންޓާއި ނާރުގެ ޑިޕާޓްމަންޓުން ބޭރުގެ ހޮސްޕިޓަލްތަކަށް ދަރާފައި އޮތުމެވެ. ބޭރުގެ ހޮސްޕިޓަލްތަކަށް ގާތްގަނޑަކަށް 5 މިލިއަން ޑޮލަރު ދައްކަން އެބައޮތެވެ.