ފެނަކަ ކޯޕަރޭޝަން އާ ހެދި ކުދި ވިޔަފާރިތައް ބަނގުރޫޓުވެފައިވާ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް މިއަދު ވިދާޅުވެއްޖެ އެވެ.
ފެނަކައިން ކުދި ކުންފުނިތަކަށް ދޭންޖެހޭ ފައިސާ ދިނުން އަވަސްކުރުމަށާއި މެނޭޖްމަންޓް އަދި ފައިނޭންޝަލް އޮޑިޓެއް ހެދުމުގެ އިތުރުން ދަރަނިތައް އަދާކުރާނެ ގޮތުގެ ޕްލޭނެއް އެކުލަވައިލަން ގޮވާލައި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ހުށަހަޅުއްވާފައިވާ ގަރާރަށް ބަހުސް ކުރައްވަމުން އިލްޔާސް ވިދާޅުވީ ފެނަކައިން 2.8 ބިލިއަން ރުފިޔާ ދަރާފައި އޮތް ކަމަށް ބުނި ނަމަވެސް މިހާރު ދަރާފައި އޮތް އަދަދު 3.5 ބިލިއަން ރުފިޔާއަށް ވުރެ ބޮޑުވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
ފެނަކައާ ހުރެ އެސްޓީއޯވެސް ބަނގުރޫޓްވަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މީގެ ސަބަބުން ހަމައެކަނި ކުދި ވިޔަފާރިތައް ބަނގުރޫޓްވެގެން ދާ ދިއުމުގެ އިތުރަށް އެސްޓީއޯވެސް އެބަ ބަނގުރޫޓްވޭ.އެސްޓީއޯއިންް ތެޔޮ ސަޕްލައިކޮށްފަަ އެތަނަށް ލާރި ދެއްކި ދުވަހެއްވެސް ނޭނގޭ. އެހެން ނަމަވެސް ތެޔޮ ސަޕްލައި ކުރުމުގަ ސަރުކާރުން އަންގަނީ އެސްޓީއޯއިން އަނެއްކާ ލޯނެއް ނަގާފަ ކޮންމެވެސް ތަނަކުން ކްރެޑިޓް ފެސިލިޓީއެއް ނަގާފަ ތެޔޮ ގެންނާށޭ. އެކަމަކު ތެލަކަށް ލާރިއެއް ނުދައްކާ." އިލްޔާސް ވިދާޅުވި އެވެ.
ފެނަކަ އަށް ލިބޭ ފައިސާ ބޭނުން ކުރަނީ ކޮން ކަމަކަށްތޯ ސާފުކޮށް އެނގެން ޖެހޭ ކަމަށް ވެސް އިލްޔާސް ވިދާޅުވި އެވެ. ފެނަކައިން ފައިސާއެއް ހޯދަން ވެއްޖެނަމަ އެ ކުންފުނީގެ އެކިއެކި ޑިޕާޓްމަންޓްތަކުގެ ބޭފުޅުންނަށް ފައިސާ ދީގެންވެސް ފައިސާ ހޯދާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ކުދި ވިޔަފާރިތައް ބަނގުރޫޓުވެފައިވާ އިރު، އެމީހުން އަހަރު ނިމިގެންދާ އިރު މީރާ އަށް ޓެކްސް ފައިސާ ދައްކަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. ޓެކްސް ނުދައްކައިފި ނަމަ، އެމީހުންގެ އޮފީސް ރެއިޑްކޮށް، އެކައުންޓް ސަސްޕެންޑް ކުރާ ހިސާބަށްދާ ކަމަށް ވެސް އިލްޔާސް ވިދާޅުވި އެވެ.
"އެމީހުން މުސާރަ ދޭން ޖެހޭ، ކުލި ދޭން ޖެހޭ، ކަރަންޓު ބިލް ދައްކަން ޖެހޭ، ފެން ބިލް ދައްކަން ޖެހޭ. އެކަމަކު، އެމީހުންނަށް ލިބެން ޖެހޭ ލާރި ނުލިބުމުގެ ސަބަބުން އެތައް މައްސަލަތަކެއް ދިމާވޭ. އެ މައްސަލަތައް ބަލައި ދިމާވެފައި ހުރި މައްސަލަތައް ހައްލު ކުރަން ޖެހޭ. އަދި މި ވިޔަފާރިތަކަށް ލިބެން ޖެހޭ ފައިސާ ލިބެން ޖެހޭ،" އިލްޔާސް ވިދާޅުވި އެވެ.
ވިޔަފާރިތަކަށް ބިލްކޮށްފައި ހުރީ ރަނގަޅު އަދަދުތަކެއްތޯ ވެސް ބެލުމަކީ މުހިންމު ކަމެއް ކަމަށް ވެސް އިލްޔާސް ވިދާޅުވި އެވެ. މިކަންކަން ނުބެލޭ ކަމުގައިވާ ނަމަ، ދައުލަތަށް ހަމައަކަށް ނޭޅުވޭނެ ކަމަށް ވެސް އިލްޔާސް ވިދާޅުވި އެވެ.
ފެނަކައިން ކުންފުނިތަކަށާއި ކުދި ވިޔަފާރިތަކަށް ދައްކަން ޖެހޭ ފައިސާ ނުދައްކާތީ އެ ކުންފުނިތަކުން މީގެކުރިން ފެނަކަ އޮފީސް ކައިރީގައި މުޒާހަރާކޮށްފައިވެ އެވެ.