ރާއްޖޭގެ ބޭނުން ކުރެވޭ ރިޒާވް އެއްކޮށް ހުސްވަމުންދާ ކަމަށާއި މިހާރު ބޭނުން ކުރެވޭ ރިޒާވްގައި ހުރީ 68 މިލިއަން ޑޮލަރު ކަމަށް ރައްޔިތުންގެ މަޖިލިހުގެ މާވަށު ދާއިރާގެ މެމްބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިރޭ ވިދާޅުވެއްޖެ އެވެ.
އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން އަންނަ އަހަރުގެ ބަޖެޓު އެކުލަވާލުމަށް ހެދި ކޮމިޓީގެ ޗެއާކަން ކުރައްވާ ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ނިމިގެން މިދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި އެންމެ ބޮޑަށް ދެއްކި އެއް ވާހަކަ އަކީ ދައުލަތުގެ ރިޒާވުގެ ވާހަކަ ކަމަށެވެ.
ރާއްޖޭގައި ބޭނުން ކުރެވޭ ރިޒާވް ދުވަހެއް ދުވަހަކަށް ދަށްވަމުންދާ ކަމުގެ ކަންބޮޑުވުން ތަކުރާރުކޮށް ފާޅުކުރި ނަމަވެސް އެކަން ސަރުކާރުން ދިޔައީ އޮޅުވާލާ ސިއްރު ކުރަމުން ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.
"ރާއްޖޭގެ ބޭނުންކުރެވޭ ރިޒާވްމިހާރު އެއްކޮށްހުސްވަނީ. 68 މިލިއަން ޑޮލަރަށް ވެއްޓުނު އިރު ސަރުކާރާއި އެމްއެމްއޭ ދަނީ އެކަން ސިއްރު ކުރަމުން،" ސައީދު ވިދާޅުވި އެވެ.
ސައީދު ވިދާޅުވި ގޮތުގައި މިއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން މި ގައުމު ވައްޓާލި ނުރައްކާތެރި ހާލަތެކެވެ.
މިދިޔަ އޯގަސްޓް މަހު ނިމުނުއިރު ރާއްޖޭގެ ބޭނުން ކުރެވޭ ރިޒާވް ނުވަތަ ޔޫޒަބަލް ރިޒާވްގައި ހުރީ 150 މިލިއަން ޑޮލަރު ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ. އެއީ ދެ މަހުގެ އިމްޕޯޓަށް ބޭނުންވާ ވަރުގެ ފައިސާ އެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ސެޕްޓެމްބަރު މަހު އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އޯގަސްޓް މަސް ނިމުނުއިރު ރާއްޖޭގެ ޖުމްލަ ރިޒާވްގައި ހުރީ 694 މިލިއަން ޑޮލަރެވެ. މި އަދަދަކީ ޖުލައި މަސް ނިމުނުއިރު ރިޒާވްގައި ހުރި 594 މިލިއަން ޑޮލަރަށްވުރެ 100 މިލިއަން ޑޮލަރު އިތުރު ވުމެކެވެ. އެހެން ނަމަވެސް ރާއްޖޭގެ ޔޫޒަބަލް ރިޒާވްގައި ހުންނާނީ ގާތްގަނޑަކަށް 150 މިލިއަން ޑޮލަރެވެ.
ރާއްޖޭގެ ޔޫޒަބަލް ރިޒާވްގައި ހުރި ފައިސާގެ މިންވަރު ކުރިން އެމްއެމްއޭއިން ހާމަކުރެ އެވެ. ނަމަވެސް މީގެ ދެ އަހަރު ކުރިން ފެށިގެން އެމްއެމްއޭ އިން ވަނީ މި ހިސާބުތައް އާއްމު ކުރުން ހުއްޓާލައިފަ އެވެ. ޔޫޒަބަލް ރިޒާވް ނުވަތަ ބޭނުން ކުރެވޭ ރިޒާވް ހިސާބު ކުރަނީ ކުރު މުއްދަތުގެ ދަރަނި ރިޒާވުން އުނި ކޮށްގެންނެވެ.