ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާގެ ފުރިހަމަ އިންކުއަރީ ރިޕޯޓު ހޯދަން ރައްޔިތުންގެ މަޖިލީހުގައި އާންމުންގެ މީހަކު އެދިއްޖެ އެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލަން މޭ 6، 2021 ގައި ދިން ހަމަލާ ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާބެހޭ ކޮމެޓީން އެކުލަވައިލި ރިޕޯޓު ޖުލައި 21 ގައި އާންމު ކޮށްފައި ވަނީ ގައުމީ ސަލާމަތާ ގުޅޭ މައުލޫމާތުތައް ސިއްރު ކުރުމަށްފަހު އެވެ.

ސިއްރު ކުރި މައުލޫމާތުތަކާއި އެކު ރިޕޯޓު އާންމު ކުރުމަށް އާންމުންގެ މީހަކު އެދިފައި ވަނީ މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ގާނޫނުގެ ދަށުން ހުށަހެޅި ރައިޓް ޓު އިންފޮމޭޝަން ފޯމު މެދުވެރިކޮށެވެ. އިއްޔެ ބޭއްވި 241 ކޮމިޓީ ބައްދަލުވުމުގައި، އެ ކަމާ ގުޅޭ ގޮތުން މެންބަރުން މަޝްވަރާ ކުރައްވާފައިވެ އެވެ.

ކޮމެޓީގެ މުގައްރިރު ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން މި އިންކުއަރީ ރިޕޯޓްގެ ފުރިހަމަ ރިޕޯޓް ހޯދަން އާންމުންގެ މީހަކު މަޖިލީހުގައި އެދިފައިވާ ކަމަށެވެ.

އެހެންވެ، އެ ރިޕޯޓުގައި ސިއްރު ކޮށްފައިވާ މައުލޫމާތު އާންމު ކުރުމާ ގުޅޭ ގޮތުން ކޮމެޓީގައި މަޝްވަރާ ކުރިއަށް ގެންދަވާނެ ކަމަށް އަސްލަމް ވިދާޅުވި އެވެ. އެ މަޝްވަރާތައް ކުރިއަށް ގެންދާނީ ސިއްރު ބައްދަލުވުމެއްގައި ކަމަށާއި، އަންނަ ހޯމަ ދުވަހު އެކަމަށް ބައްދަލުވުމެއް ބާއްވާނެ ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ.