2019 ވަނަ އަހަރު ރިލީޒްކުރި ބޮލީވުޑް ފިލްމު "ކަބީރް ސިންހް"އަކީ އެ ފިލްމަށް ލިބުނު ތަރުހީބާއި އާމްދަނީގެ ގޮތުން ވެސް ވަރަށް ކާމިޔާބު ފިލްމެކެވެ.
އެހެން ނަމަވެސް ޝާހިދު ކަޕޫރާއި ކިއާރާ އަދްވާނީ ފެންނަ އެ ފިލްމުގެ ވާހަކައަކީ ލޯބީގެ ގުޅުމެއްގައި ގަދަބާރު ހިންގުން ދައްކުވައިދޭ ވާހަކައަކަށް ވުމުން އެކަމަށް ގިނަ ބައެއްގެ ފާޑުކިޔުން ވެސް އަމާޒުވި އެވެ.
އެންމެފަހުން ކިއާރާ މިވަނީ އެ ފާޑުކިޔުންތަކަށް ރައްދުދީ އެ ފިލްމުގައި އޭނާ ކުޅުނު ރޯލު ދިފާއުކޮށް ވާހަކަ ދައްކާފަ އެވެ. ކިއާރާގެ ރޯލަކީ ލޯބީގެ ނަމުގައި ޝާހިދުގެ އަނިޔާ ތަހައްމަލުކުރާ މީހެއްގެ ރޯލެވެ.
އެކަމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ކިއާރާ ބުނީ ހުރިހާ އެންމެން ނުރުއްސޭނެ ކަމަށާއި އެ ފިލްމުގެ ސަބަބުން ނުރަނގަޅު ގުޅުންތަކާ ބެހޭ ގޮތުން މީހުންގެ މެދުގައި ހޭލުންތެރިކަން އުފެދުނު ކަމަށެވެ.
ކިއާރާ އިތުރަށް ބުނީ އޭނާއަށް ކަމުނުދާ ރޯލެއް ދުވަހަކު ވެސް ކުޅެފައިނުވާ ކަމަށާއި ކަބީރް ސިންހްގައި ދައްކުވައިދިން "ޕްރީތީ"އަކީ ވެސް އޭނާ ހިތްހަމަޖެހޭ ރޯލެއް ކަމަށެވެ.
ކަބީރް ސިންހްއަކީ ދެކުނު އިންޑިއާގެ ތެލުގޫ ފިލްމެއް ކަމަށްވާ "އަރްޖުން ރެޑީ"ގެ ހިންދީ ރީމޭކެކެވެ. އެ ފިލްމަށް ފިލްމް ކްރިޓިކްސްގެ ތަފާތު ރިވިއުސް ލިބިފައިވެ އެވެ.