ބޮލީވުޑްގެ މަޝްހޫރު ތަރި ސްރީދޭވީ އާއި ފިރިމީހާ ބޯނީ ކަޕޫރުގެ ހަނގު ދަރިފުޅު ކުޝީ ކަޕޫރު ބޮލީވުޑަށް ނުކުންނާނީ ކޮންއިރަންބާއޭ ސުވާލުކުރާ މީހުން މަދެއް ނޫނެވެ. އެފަދަ މީހުންނަށް ދޭން އޮތީ އުފާވެރި ހަބަރެއް ނޫނެވެ.

ކުޝީ މިވަނީ އެކްޓިން ކިޔެވުމަށްޓަކާ ނިއުޔޯކްގައި ހުންނަ ލީ ސްޓާސްބާގް ތިއޭޓާ އެންޑް ފިލްމް އިންސްޓިޓިއުޓް އަށް ގޮސްފަ އެވެ. އެތަނުގައި ކުޝީ ފުރިހަމަ ކުރާނީ އެއް ސެމިސްޓަރުގެ ކޯހެކެވެ.

ހަބަރުތައް ބުނާގޮތުން ކުޝީ ބޮލީވުޑަށް ނުކުންނާނީ މި ކޯސް ފުރިހަމަކޮށް އެނބުރި އިންޑިއާއަށް އައުމަށް ފަހު އެވެ. ބެލެވޭ ގޮތުގައި އެއީ 2022 ވަނަ އަހަރު އެވެ.

ކުޝީއަށް މިހާރުވެސް ދަނީ ބޮލީވުޑްގެ މަޝްހޫރު ޑިރެކްޓަރުންގެ ހުށައެޅުންތައް ލިބެމުންނެވެ. އެގޮތުން ކަރަން ޖޯހަރް ވެސް ވަނީ ފިލްމީ ދާއިރާއަށް ކުޝީ ނެރެދިނުމުގެ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. ނަމަވެސް އަވަސް އަރުވާލައިގެން އެކަން ކުރުމަށް ބޯނީ ކަޕޫރު އަދި ކުޝީ ވެސް ބޭނުމެއް ނުވެ އެވެ.

އޭނާގެ އާއިލާއިން ގަބޫލުކުރާ ގޮތުގައި މިވަގުތު ކުޝީއަށް އެންމެ ރަނގަޅުވާނީ އެކްޓިން ކޯހެއް ފުރިހަމަ ކުރުމެވެ.

އިންޑިއާގެ ނޫސްތަކުން ބުނާގޮތުން ސްރީދޭވީއަށް އެކްޓިން ކިޔެވުމުގެ ފުރުސަތު ނުލިބުމުން އޭނާ އަބަދުވެސް ބޭނުންވީ އޭނާގެ ދަރިން ރަނގަޅު އެކްޓިން ސްކޫލްތަކަށް ފޮނުވުމަށެވެ.