ވ. ރަކީދޫގައި ސެޓެލައިޓް ސްކޫލް ނިޒާމުން މިއަދު ކިޔަވައިދޭން ފަށައިފި އެވެ.

ރަކީދޫ ސްކޫލުގެ ކިޔެވުން މި ފެށުނީ 3 ދަރިވަރުންނާ އެކުއެވެ. އެއީ ގްރޭޑް 2 ގެ ދަރިވަރަކާއި، ގްރޭޑް 6 ގެ ދަރިވަރެއްގެ އިތުރުން ގްރޭޑް 10ގެ ދަރިވަރެކެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިހާރު ކިޔަވައިދޭނެ ކަމަށެވެ.

ދިރާސީ އާ އަހަރު ފެށިއިރު ވެސް ރަކީދޫ ސްކޫލްގައި ކިޔަވައިދޭން ނުފެށުނީ ސްކޫލަށް ވަންނަން ހުށަހެޅި ކުދިންގެ އުމުރު ހަމަނުވާތީ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ވ. ރަކީދޫ ސުކޫލްގައި މިއަދު ވަނީ 15 އަހަރަށް ފަހު ކިޔަވައިދޭން ފަށާފައި

މިހާރު ވާނީ ފުރަތަމަ ޓާމްގެ މިޑް ބްރޭކް ބަންދަށް ފަހު ސްކޫލުތަކުގެ ކިޔެވުން މިއަދު ފެށިއިރު ރަކީދޫ ސްކޫލްގައި ސެޓެލައިޓް ސްކޫލް ނިޒާމަށް މިއަދު ކިޔަވައިދޭން ފަށާފައި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެ އެވެ.

ރަށުގައި ތިބެގެން ގްރޭޑް ދިހައަކާ ހަމައަށް ކިޔެވޭނެ ގޮތް ހެދުމަށް ސެޓްލައިޓް ސްކޫލިންގެ ހިދުމަތް ފެށޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެސް މީގެ ކުރިން ވިދާޅުވެފައިވެ އެވެ.

ރަކީދޫ ސްކޫލާއެކު ރާއްޖޭގެ 6 ރަށެއްގައި މިހާރު މިވަނީ ސެޓެލައިޓް ސްކޫލް ގާއިމްކޮށްފަ އެވެ. އެއީ ބ. ފެހެންދޫ، ބ. ފުޅަދޫ، ގއ. ކޮނޑޭ، އދ. ދިއްދޫ، ވ. ތިނަދޫ އަދި ވ. ރަކީދޫ އެވެ.