އުއްމީދަކީ ބައިނަލްއަގްވާމީ މައިދާނުގައި އިންޑިއާ ތަމްސީލު ކުރުން ކަމަށް ބޮލީވުޑްގެ އަރަމުން އަންނަ ތަރި ކްރިތީ ސެނަން ބުނެފި އެވެ.

ކްރިތީ މިހެން ބުނެފައިވަނީ އިންޑިއާގެ ނޫހެއް ކަމަށްވާ ހިންދުސްތާން ޓައިމްސްއަށް މި ހަފްތާ ތެރޭގައި ދިން އިންޓަވިއުއެއްގެ ތެރެއިންނެވެ.

އެ އިންޓަވިއުގައި އޭނާ ވަނީ މިދިޔަ ހަފްތާގައި އޭނާއަށް ލިބުނު ގައުމީ އެވޯޑާ ބެހޭ ގޮތުން ވެސް ވާހަކަ ދައްކާފަ އެވެ. އެގޮތުން ފުރަތަމަ އެ ހަބަރު ލިބުމުން ގަބޫލު ކުރަން ވެސް ދަތިވި ކަމަށް ކްރިތީ ބުންޏެވެ.

ފިލްމު "މިމީ"ގައި އޭނާ ދައްކުވައިދިން އެކްޓިންއަށް ގައުމީ އެވޯޑު ލިބުނުއިރު ކްރިތީއަކީ މިހާރު އަރަމުން އަންނަ ޒުވާން ތަރިންގެ ތެރެއިން ޑައިރެކްޓަރުން އެންމެ ބޭނުންވާ އެއް ތަރި އެވެ.

ކްރިތީ ބުނީ އޭނާގެ އާއިލާއަކީ ބޮލީވުޑްއަށް ނިސްބަތްވާ އާއިލާއަކަށް ނުވާތީ ބައެއް ފަހަރު ދާއިރާއިން ބޭރު މީހެއްގެ އިހުސާސް ކުރެވޭ ކަމަށެވެ.

"އަދިވެސް އަހަންނަށް ޕާޓީތަކާއި އެއްވުންތަކަށް ދާން ފަސޭހައެއް ނޫން" ބޮލީވުޑްގައި ކުރިމަތިވާ ގޮންޖެހުންތައް ކިޔައިދެމުން ކްރިތީ ބުންޏެވެ.

"މިމީ"ގެ އިތުރުން ކްރިތީގެ ފާހަގަ ކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި "ޝެހްޒާދާ"، "ދިލްވާލޭ"، "ރާބްތާ" އަދި "ބަރޭލީ ކީ ބަރްފީ" ފަދަ ފިލްމުތައް ހިމެނެ އެވެ.