ރައްޔިތުންގެ މަޖިލީހުގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން މިއަދު ހުށަހަޅައިފި އެވެ.

އަންނަ އަހަރަށް ލަފާކުރާ ރައްޔިތުންގެ މަޖިލީހުގެ 186 މިލިއަން ރުފިޔާގެ ބަޖެޓު މިއަދު ވަނީ އަންމު ކޮމެޓީއަށް ހުށަހަޅައިފަ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މުވައްޒަފުންގެ މުސާރަ ބޮޑު ކުރުމަށް ވެސް މިއަދު ވަނީ ކޮމެޓީއަށް ހުށަހަޅައިފަ އެވެ. މުވައްޒަފުންގެ މުސާރަ ބޮޑުކުރަން އިތުރު 4.6 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް މަޖިލީހުން ވަނީ ބުނެފަ އެވެ.

މަޖިލީހުގެ މުވައްޒަފުންގެ މުސާރަ ބޮޑު ކުރުމަށް ހުށަހެޅި ހުށަހެޅުމުގައި މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާ ވިދާޅުވީ، މަޖިލީހުގެ މުވައްޒަފުންގެ މުސާރަ ސީދާ ބޮޑުކުރުމުގެ ބަދަލުގައި އެލަވަންސްތައް ބޮޑު ކުރަން މަޖިލީހުގެ އިދާރާ އިން ނިންމާފައިވާ ކަމަށެވެ.

އެގޮތުން އެލަވަންސްތައް ބޮޑު ކުރުމަށް ހުށަހަޅާފައި ވަނީ ޕާލިމަންޓް ސާވިސް ނަމުގައި ހާޒިރުވާ ކޮންމެ ދުވަހަކަށް މިހާރު ދޭ 200ރ. ގެ އެލަވަންސް ހާޒިރީ އެލަވަންސަށް ބަދަލުކުރުމަށެވެ. ޕާލިމަންޓްރީ ސާވިސް އެލަވަންސަށް އަސާސީ މުސާރައިގެ 20 ޕަސެންޓް ދިނުމަށެވެ. މާސްޓާސް ސެޓްފިކެޓަށް ދޭ އެލަވަންސް 1،500ރ. އިން 2،000ރ. އަށް ބޮޑު ކުރުމަށެވެ.

ޑިގްރީ ސެޓްފިކެޓަށް ދޭ އެލަވަންސް 1،000ރ. އިން 1،500ރ. އަށް ބޮޑުކުރުމަށާއި ޑިޕްލޮމާ ސެޓްފިކެޓަށް ދޭ އެލަވަންސް 7،00ރ އިން 1،000ރ އަށް ބޮޑުކުރުމަށް ވަނީ ހުށަހަޅައިފަ އެވެ.

މީގެ އިތުރުން މަޖިލީހުގެ ޖަލްސާތަކަށާއި ހާއްސަ އިވެންޓުތަކަށް ކޯޓު ލައިގެން ހާޒިރުވާންޖެހޭ މުވައްޒަފުންނަށް އަހަރަކު ދެ ފަހަރު ދޭ 5،100ރ. ގެ އެލަވަންސް ކުޑަކޮށް، އެ އެލަވަންސް ހުރިހާ މުވައްޒަފުންނަށް ދޭން ވެސް ވަނީ ހުށަހަޅައިފަ އެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް 50 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ލަފާކޮށްފަ އެވެ.