މިސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން އެންމެ ފަހުން ދޫކުރަން އިއުލާން ކުރި ގޯއްޗާއި ފްލެޓަށް އެދި ފޯމު ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި 40،000 އަށް ވުރެ ގިނަ މީހުން ފޯމުލާފައިވާ ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

މި ސަރުކާރުން ކުރިއަށް ގެންދާ "ބިންވެރިޔާ" ސްކީމާއި "ގެދޮރުވެރިޔާ" ސްކީމްގެ ދެވަނަ ފިޔަވަހީގެ ދަށުން ގޯއްޗާއި ފްލެޓަށް އެދުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މިދިޔަ ސެޕްޓެންބަރު މަހުގެ 24 ވަނަ ދުވަހު އެވެ. ދެވަނަ ބުރުގައި މާލެ ސަރަހައްދުން 4،000 ގޯއްޗާއި 6،000 ފްލެޓް ދޫކުރުމަށް ހަމަޖެހިފައިވެ އެވެ.

އެ ފުރުސަތު މިއަދު ހަވީރު 3:00 އަށް ހަމަވިއިރު 40،000 މީހުން ކުރިމަތިލާފައިވާ ކަމަށް މިނިސްޓްރީން ބުނެ އެވެ. އެގޮތުން ގޯއްޗާއި ފްލެޓަށް އެދި ފޯމުހުށަހެޅުމަށް ހުޅުވާލި ފުރުސަތު މިއަދު ހަމަވިއިރު ގޯއްޗަށް އެކަނި 19،347 ފޯމު ހުށަހެޅި އެވެ. އަދި ފްލެޓަށް އެދި 21،247 ފޯމު ހުށަހަޅާފައިވެ އެވެ.

މި ފިޔަވަހީގެ ދަށުން ގޯތި ދުކުރުމަށް ހަމަޖެހިފައި ވަނީ އުތުރު ތިލަފަޅުންނެވެ.

ބިންވެރިޔާ ސްކީމުގެ ދެވަނަ ފިޔަވަހިން ގޯތި ދޫކުރުމަށް ނިންމާފައި ވަނީ މާލޭގައި ދިރިއުޅޭތާ 20 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ މީހުންނަށެވެ. އަދި މި ގޯތިތައް ދޫކުރުމަށް ނިންމާފައިވާ އުތުރު ތިލަފަޅުން 215 ހެކްޓަރުގެ ބިން ހިއްކުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.

ފުރަތަމަ ބުރުގައި ޝަރުތު ހަމަވި މީހުންނަށް ހުޅުމާލެ އާއި ގުޅިފަޅާއި ގިރާވަރު ފަޅުން ގޯތި ދިނުމުގެ މަސައްކަތް މިހާރު ކުރިއަށް އެބަދެ އެވެ. އެ ބުރުގެ ދަށުން 6،500 އަށް ވުރެ ގިނަ ގޯތި ދޫކޮށްފައިވެ އެވެ.

ފުރަތަމަ ބުރުގައި ގޯތި ލިބުނު މީހުންގެ ގޯތި އަތުނުލާނެ ކަމުގެ ޔަގީންކަން، އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ދެއްވާފަ އެވެ. ނަމަވެސް، "ބިންވެރިޔާ" ސްކީމްގެ ދެވަނަ ފިޔަވައްސާ ގުޅޭ ގޮތުން އެ މަނިކުފާނު ވެސް މިހާތަނަށް އެއްވެސް އެއްޗެއް ވިދާޅެއް ނުވެ އެވެ.