މާރާމާރީގެ މައްސަލައެއްގައި ސޯޝަލް މީޑިއާ އެކްޓިވިސްޓް އަހުމަދު އަޝްރަފް (ޝުމްބާ ގޮންގް) ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ކެނެރީ މަގުގައި މާރާމާރީއެއް ހިންގާކަމަށް ރޭ 10:00 ހާއިރު ލިބުނު ރިޕޯޓަކާ ގުޅިގެން ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށާއި އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ސޯޝަލް މީޑިއާ އެކްޓިވިސްޓް އަހުމަދު އަޝްރަފް (ޝުމްބާ ގޮންގް) އެވެ. އަދި އޭނާ އަކީ ކުރީގެ ނައިބް ރައީސް އަހްމަދު އަދީބްގެ މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ)ގެ ކައުންސިލް މެންބަރެކެވެ.

މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ޝުމްބާގެ ވަކީލު މުހައްމަދު ހަލީމް ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައި ވިދާޅުވީ ޝުމްބާ ހައްޔަރުކުރީ ބަޔަކު އެއްވެގެން އުޅޭތީ އެކަން ކަވަރުކުރަން ގޮސް ހުއްޓައި ކަމަށާއި އޭނާ މާރާމާރީއެއް ވެސް ނުހިންގާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި ޝުމްބާ މާރާމާރީގެ ތުހުމަތުގައި ހައްޔަރުކުރީ ކުޑަ އަންހެން ކުދިންތަކެއްގެ ކޮޓަރީގައި ސިއްރުން ކެމެރާ ހަރުކޮށް ވީޑިއޯ ރެކޯޑްކުރާ ކަމަށް ތުހުމަތުކޮށް ސިފައިންގެ މީހެއްގެ ފޮޓޯ ސޯޝަލް މީޑިއާގައި އާންމުކޮށް، އެ މީހާ ހިފަހައްޓައި ގައިގައި ދެލި އުނގުޅައި އަނިޔާކުރި ކަމަށް ބުނާ މައްސަލައިގަ އެވެ.

ނަމަވެސް މިކަމާ ބެހޭ ގޮތުން ފުލުހުން ވަކި އެއްޗެއް ނުބުނެ އެވެ.