ހދ. މަކުނުދޫ ބަނދަރު ސަރަހައްދުގައި ގޭސް ސިލިންޑަރެއް ގޮވައި މަރުވި ދެ ބިދޭސީ މީހުންގެ ހަށިގަނޑު އާއިލާއާއި ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

މިދިޔަ ހޮނިހިރު ދުވަހު ހިނގި ހާދިސާގައި މަރުވީ އިންޑިއާގެ، މުހައްމަދު ރާޖާ އަންސާރީ، 27، އާއި ސުދީރާ ސެތީ، 25, އެވެ. އެ ދެ މީހުންގެ ވެސް ހަށިގަނޑު އެއްކޮށް ކުދިކުދި ވެފަ އެވެ. ގޮވުމުގެ ބާރު ގަދަކަމުން އެ ދެ މީހުންގެ ހަށިގަނޑުގެ ބައިތައް ވަރަށް ދުރަށް ބުރައިގެން ގޮސް ހުއްޓެވެ.

ފުލުހުން ބުނީ އެ ދެ މީހުންގެ ހަށިގަނޑު އިންޑިއާއަށް ފޮނުވީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ. އަދި މިހާރު ހަށިގަނޑުތައް އާއިލާއާ ހަވާލު ކުރެވިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

މަކުނުދޫގައި ހިނގި ހާދިސާގައި މަރުވީ މަކުނުދޫ އެއާޕޯޓު އަޅަން ބޭނުންވާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ކުރިއަށް ގެންދާ ބިގް ފިޝް ކުންފުނީގައި މަސައްކަތް ކުރާ އިންޑިއާ ދެ މީހުންނެވެ.

ފުލުހުން ބުނީ މި ހާދިސާއާއި ގުޅިގެން އަދިވެސް އެސަރަހައްދު ބަންދުކޮށްގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލާ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.