ފޯރިގަދަ ލައިންއަޕަކާ އެކު ޑީއެމްއާރްއާރް 2023 އާފްޓާ ޕާޓީ މާދަމާ ރޭ 8:30 ގައި ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބާއްވާނެ ކަމަށް ދިރާގުން އިއުލާންކޮށްފި އެވެ.

ދިރާގުން ބުނީ ރޭސް ނިންމާލުމަށް ފަހު މި ބާއްވާ ސެލެބްރޭޝަނަކީ ހުނަރުވެރި ދިވެހި މިއުޒިކް ފަންނާނުންގެ ލައިންއަޕަކާ އެކު ކުރިއަށްދާ ކުލަގަދަ އިވެންޓަކަށްވާނެ ކަމަށެވެ. އެގޮތުން ޝޯގައި ކުޅޭނީ:

  • ޝައްމު އާއި އެކުވެރީން ކޮޅެއް
  • ސްކައިރޮކް
  • 2 ސެންސް
  • 1438 ބޮޑުބެރު ގްރޫޕް

ޑީއެމްއާރްއާރް 2023 އާފްޓާ ޕާޓީއަކީ ހަމައެކަނި މިއުޒިކް ފެސްޓިވަލެއް ނޫނެވެ. ދިވެހި ހޯމްބޭސްޑް ވިޔަފާރިތަކުގެ ރަހަމީރު އުފެއްދުންތައް ފުޑް ސްޓްރީޓުން ލިބެން ހުންނާނެ އެވެ. މި އާފްޓާ ޕާޓީ އިވެންޓަކީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ދުވުމުގެ އިވެންޓުގެ ގްރޭންޑް ފިނާލޭ އެވެ.

ހަތަރު ހާހަށް ވުރެ ގިނަ ދުވުންތެރިންނާ އެކު މާދަމާ ފަށާ ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ 14 ވަނަ އެޑިޝަން ވެގެންދާނީ މި ދުވުމުގައި ފުރަތަމަ ފަހަރަށް ހާފް މެރެތަން ޖަހާ ފަހަރަށެވެ. ހާފު މެރަތަންގެ އިތުރުން 10K އަދި 5K ރަން ވެސް އޮންނާނެ އެވެ.

ދިރާގު ރޯޑް ރޭސްގެ ތައްޔާރުވުމުގެ ތެރެއިން.. ފޮޓޯ: ދިރާގު

ދިރާގު ރޯޑް ރޭސް ވެސް ކުރިއަށްދާނީ މާދަމާ ހަވީރު ހުޅުމާލޭގެ ސެންޓްރަލް ޕާކް ސަރަހައްދުގަ އެވެ.

ދިރާގު މޯލްޑިވްސް ރޯޑް ރޭހަކީ ދުނިޔޭގެ ފެންވަރުގައި ވެސް މިހާރު ފާހަގަކޮށްލެވޭ އިވެންޓެކެވެ. މި ދުވުން ވަނީ 2018 ވަނަ އަހަރު އިޖުތިމާއީ ހަރަކާތްތަކަށް ބިނާކޮށް، އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓެންސް (އެއިމްސް) އިން ދޭ ބައިނަލްއަގްވާމީ ސޯޝަލް އެވޯޑްގެ ގަދަ ތިނެއްގައި ވެސް ހިމެނިފަ އެވެ.