ކޮވިޑް19ގެ ސަބަބުން މާލީގޮތުން ދިރިއުޅުމުގެ މާލީހާލަތު ދަތިވެފައިވާ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން ސަރުކާރުންދޭ އިންކަމް ސަޕޯޓް އެލަވެންސް، މިމަހުގެ 21އާ ހަމައަށް 17،535 މީހަކަށް ދީފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ކޮވިޑްގެ ސަބަބުން އިގްތިސާދީ އަނދަވަޅަކަށް މުޅި ދުނިޔެ ވެއްޓިފައިވާ މިދަނޑިވަޅުގައި ސަރުކާރުން އިންކަމް ސަޕޯޓް އެލަވެންސްގެ ގޮތުގައި މިހާތަނަށް ވަނީ 225.5 މިލިއަން ރުފިޔާ މާލީގޮތުން ދަތިވެފައިވާ ފަރާތްތަކަށް ފޯރުކޮށްދީފަ އެވެ.
މެއި 2020ން ފެށިގެން ދެމުން އަންނަ، ސަރުކާރުގެ އިކޮނޮމިކް ރިލީފް ޕެކޭޖްގެ ދަށުން ފޯރުކޮށްދޭ އިންކަމް ސަޕޯޓް އެލަވެންސް ދެމުންގެންދަނީ ކޮވިޑް-19ގެ ސަބަބުން ވަޒީފާ ގެއްލިފައިވާ ފަރާތްތަކަށާއި، ނޯޕޭ ލީވްގައި ތިއްބެވި ފަރާތްތަކަށާއި، 5000 ރުފިޔާއަށް ވުރެ މުސާރަ ކުޑަކޮށްފައިވާ ފަރާތްތަކުގެ އިތުރުން އަދި އަމިއްލަ މަސައްކަތުން އާމްދަނީ ހޯދާ، ފްރީލާންސްކޮށް މަސައްކަތްކުރާ ފަރާތްތަކުގެ ތެރެއިން މާލީގޮތުން ބުރޫއަރާ، ލިބޭ އާމްދަނީ 5،000އަށްވުރެ ކުޑަވެފައިވާ ފަރާތްތަކަށެވެ.
މިއީ ރައްޔިތުންނަށް ކުރިމަތިވެފައިވާ މާލީ ދަތިކަމުގެ ސަބަބުން ޒަރޫރީ ބޭނުންތައް ފުއްދުމަށް ބައެއް މީހުންނަށް ނުކުޅެދިފައިވާ ހާލަތުގައި އެހީތެރިވުމުގެ ގޮތުން ސަރުކާރުންދޭ އިނާޔަތެކެވެ.
އިގްތިސާދީގޮތުން މުޅި ދުނިޔެ ވެއްޓިފައިވާ މިއަދަވަޅުން އަރައިގަތުގަށް އަދި ވަގުތު ނަގާނޭކަމަށް ހާލަތު ބާޔާންކުރާތީ އިންކަމް ސަޕޯޓް އެލަވެންސް ދިނުން ކުރިއަށް ގެންދިއުމަށް ވޯލްޑް ބޭންކުންވަނީ އިތުރު 21.6 މިލިއަން ޑޮލަރުގެ އެހީއެއް ރާއްޖެއަށް ފޯރުކޮށްދިނުމަށް މިމަހުގެ 25 ވަނަ ދުވަހު ނިންމާފަ އެވެ. އިންކަމް ސަޕޯޓް އެލަވެންސް ސްކީމްގެ ދަށުން 2020ވަނަ އަހަރުގެ ޖޫންގައި ވެސް ވޯލްޑް ބޭންކުން ވަނީ ރާއްޖެއަށް 12.8 މިލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.
ޖޮބް ސެންޓަ މެދުވެރިކޮށް އޮންލައިންކޮށް ބޭނުންވާ ލިޔެކިޔުންތައް ހުށަހަޅައިގެން އިންކަމް ސަޕޯޓް އެލޮވެންސަށް އެދެވޭއިރު ފާއިތުވެދިޔަ ޑިސެމްބަރ މަހުގެ އެލޮވެންސަށް އެދުމުގެ ފުރުސަތު ޖެނުއަރީ 31 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލެވިފަ އެވެ.