ދުނިޔޭގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ އޭނާ ލޯބިވެރިޔާގެ އުފަންދުވަސް ފާހަގަކުރަން ކޮވިޑް އުސޫލުތަކާ ހިލާފަށް އެހެން ތަނަކަށް ދަތުރުކުރިކަން ފަޅާއަރައި ތަހުގީގު ކުރަން ފަށައިފި އެވެ.

ކްރިސްޓިއާނޯގެ ލޯބިވެރިޔާ ޖޯޖީނާ ރޮޑްރިގޭޒަށް 27 އަހަރު ފުރުން ފާހަގަކުރުމަށް ރޮނާލްޑޯ ވަނީ އިޓަލީގެ ޕިއެޑަމޮންޓް އަދި ވާލެ ޑެ އޮސްޓާ ރީޖަންއަށް ދަތުރުކޮށްފަ އެވެ.

ސޯޝަލް މީޑިއާގައި ދައުރުވި ފޮޓޯތަކުން ފަރުބަދަމަތީ ރިސޯޓް ސަރަހައްދެއްގައި މި ޖޯޑް ސްނޯމޮބިލެއްގައި ތިބި ތަން ފެނެ އެވެ. ނަމަވެސް މި ފޮޓޯ މިހާރު ވަނީ ޑިލީޓްކޮށްފަ އެވެ.

އިޓަލީގެ ކޮވިޑްގެ އައު ރާޅާއެކު ގިނަ ސަރަހައްދުތަކެއްގައި ހަރުކަށި އުސޫލްތަކެއް ވަނީ އިއުލާންކޮށްފަ އެވެ. އަދި މި އުސޫލްތަކާ ހިލާފްވާ މީހުންނާ ދެކޮޅަށް ފިޔަވަޅު އެޅޭނެކަން ވެސް ވަނީ އިއުލާންކޮށްފަ އެވެ.

ވާލެ ޑެ އޮސްޓާގެ ފުލުހުންނާއި ހަވާލާދީ މީޑިއާ ރިޕޯޓްކުރާ ގޮތުގައި ކްރިސްޓިއާނޯގެ މި ދަތުރުގެ ތަހުގީގު ދަނީ ކުރަމުންނެވެ. މި ސަރަހައްދުގައި އިއުލާންކޮށްފައިވާ އުސޫލްތަކުގައި ވާގޮތުން ކޮވިޑް އޮރެންޖް ސަރަހައްދުން އެހެން ސަރަހައްދުތަކަށް ދަތުރުކުރުމަކީ މަނާކަމެކެވެ. ހާއްސަ ހުއްދަލިބިގެން މެނުވީ އެއްވެސް މީހަކަށް ދަތުރު ނުކުރެވެ އެވެ.

އިޓަލީގެ މީޑިއާއިން ބުނިގޮތުގައި މި ޖޯޑް ދަތުރުކޮށްފައިވަނީ އަންގާރަ ދުވަހު އެވެ. އަދި އެއް ދުވަސް ރިސޯޓް ހޮޓެލުގައި މަޑުކުރުމަށްފަހު ޖުވެންޓަސް ހޯމް ޓުރިންއަށް އައިސްފައި ވަނީ ބުދަ ދުވަހު އެވެ.

ރޮޑްރިގޭޒް ވަނީ ފަހުން އިންސްޓަގްރާމްގައި އެ މީހުންގެ އާއިލާއާއެކު ގޭގައި އުފަން ދުވަސް ފާހަގަކުރަނިކޮށް ފޮޓޯއެއް ލާފަ އެވެ.

ކޮވިޑްގެ އުސޫލްތަކާ ހިލާފްވިކަށް ސާބިތުވެއްޖެ ނަމަ މި ޖޯޑު ފައިންކުރާނެ ކަމަށް އިޓަލީގެ މީޑިއާތަކުން ވަނީ ބުނެފަ އެވެ. އަދި މިކަމާ ގުޅިގެން ގިނަ ދަނީ މިކަން ކުށްވެރިކޮށް، ނުރުހުން ފާޅުކުރަމުންނެވެ. – ބީބީސީ