ރާކީ ސާވަންތުއަކީ އިންޑިއާގެ ޓީވީ ދުނިޔޭގައި "ޑްރާމާ ކުއީން"ގެ ނަމުން މަޝްހޫރުވެފައިވާ ތަރި އެކެވެ. ސަބަބަކަށް ވެފައި އޮންނަނީ އާއްމު ތަންތަނުގައި އޭނާގެ އުޅުން ހުންނަ ގޮތެވެ.

ދާދި ފަހުން އިންޑިއާގެ މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ރާކީ ވަނީ އާއްމު ތަންތަނުގައި އޭނާ އެގޮތަށް އުޅެނީ ކީއްވެގެން ކަން ބުނެދީފަ އެވެ.

"އަހަންނަކީ އަމީތާބް ނޫނީ އަނިލް ކަޕޫރުގެ ދަރިއެއް ނޫން. މި ގޮތަށް ނޫޅުނިއްޔާ އަހަންނަށް ރުފިޔާއެއް ނުލިބޭ. އެހެންވެ ތަންތަނުގައި ޑްރާމާ ކުޅެނީ އާމްދަނީ ހޯދަން،" ރާކީ ބުނެފައިވެ އެވެ.

އެ އިންޓަވިއުގައި ރާކީ ވަނީ އޭނާގެ ކުރީގެ ފިރިމީހާ އާދިލް ދުރާނީއާ ބެހޭ ގޮތުން ވެސް ވާހަކަ ދައްކާފަ އެވެ. އެގޮތުން އޭނާގެ މަންމަ މަރުވީ އާދިލްގެ ސަބަބުން ކަމަށާއި ކައިވެނި ކޮށްގެން އުޅުނުއިރު ގެވެށި އަނިޔާ ލިބުނު ކަމަށް ވެސް ރާކީ ބުންޏެވެ.

ރާކީއަކީ އާއްމުކޮށް މީޑިއާ ކުރިމަތީގައި ވަރަށް އެކްޓް ބޮޑުކުރާ މީހެކެވެ. އޭގެ އިތުރުން މީހުން ގިނަ ތަންތަނުގައި ނެށުމާއި ހަޅޭއްލެވުން ފަދަ އޭނާގެ އާއްމު ކަމެކެވެ.

މި ސަބަބަށްޓަކައި ރާކީއަށް އާއްމުންގެ ފާޑުކިޔުން އަމާޒުވި ނަމަވެސް އެ ފާޑުކިޔުންތަކަށް މާބޮޑު ފަރުވާލެއް ނުބަހައްޓާ ކަމަށް ރާކީ ވަނީ އެކި ފަހަރު މަތިން ބުނެފަ އެވެ.