ކާޑޭޝަން އާއިލާގެ އެންމެ ހަގު މެމްބަރު ކައިލީ ޖެނާއަކީ އޭނާގެ އުމުރާއެކު ވެސް ވިޔަފާރީގެ ދުނިޔޭގައި ނަން މަޝްހޫރު ޝަހްސިއްޔަތެކެވެ.

މިހާރު ވެސް ކޮސްމެޓިކްސްއާއި ސްކިން ކެއާ ވިޔަފާރިއެއް ކުރަމުން އަންނަ ކައިލީ މިވަނީ އެންމެ ފަހުން ފެޝަންގެ ދުނިޔެއަށް ވެސް ވަދެފަ އެވެ.

"ކައި"ގެ ނަމުގައި އޭނާގެ އަމިއްލަ ކްލޯތިން ލައިންއެއް ނެރުމުގެ އެންމެ ފަހުގެ މަސައްކަތްތައް ކައިލީ ކުރަމުން އަންނަ ކަމަށް ހަބަރުތައް ބުނެ އެވެ.

ކައިލީގެ އެޖެންޓުން ބުނީ ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހު ނެރެން ހަމަޖެހިފައިވާ މި ކްލޯތިން ލައިންއަކީ ހުރިހާ އުމުރުފުރައެއްގެ މީހުންނަށް ވެސް ކަމުދާނެ ފަސޭހަ ހެދުންތަކަކަށް ވާނެ ކަމަށެވެ.

މި ކްލޯތިން ލައިންގެ ހުރިހާ ހެދުންތަކަކީ ވެސް ކައިލީގެ އަމިއްލަ ވޯޑްރޯބްއިން ހިޔާލު ހޯދައިގެން ޑިޒައިން ކުރެވިފައިވާ ހެދުންތަކެއް ކަމަށްވެ އެވެ.

"ކައި" ކްލޯތިން ލައިންގައި އަހަރުގެ ތެރެއިން އެކި ޑިޒައިނަރުންގެ މަސައްކަތްތައް ފެންނާނެ ކަމަށާއި އެކަމުން އެ ލައިންއަށް އިތުރު ތަފާތުކަމެއް ލިބިގެންދާ ކަމަށް ކައިލީގެ އެޖެންޓުން ބުންޏެވެ.