ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު އުފެއްދި އިންތިގާލީ އިންސާފުގެ އޮފީސް އުވާލުމަށް ނިންމައިފި އެވެ.

އަންނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ބަޖެޓު ފޮތުގައި، ދައުލަތުގެ ވުޒާރާތަކާއި މުއައްސަސާތަކަށް ކަނޑައަޅާފައިވާ އަދަދުތައް ބަޔާންކޮށްފައިވާ ސަފުހާތަކުގައި އިންތިގާލީ އިންސާފުގެ އޮފީހުގެ ނަމެއް ނެތެވެ. އަދި އެއޮފީހަށް އެއްވެސް ބަޖެޓެއް އަންނަ އަހަރަށް ކަނޑައަޅާފައިނުވެ އެވެ.

ސަރުކާރުގެ އޮފިޝަލަކު ވިދާޅުވީ އާ ސަރުކާރާއެކު އިންތިގާލީ އޮފީސް އުވިގެންދާނެ ކަމަށެވެ.

އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވީ ޑިސެމްބަރު 17، 2020 ގަ އެވެ. ގާނޫނު ބުނާ ގޮތުން މި އޮފީހުގެ ދައުރަކީ ދެ އަހަރެވެ. އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހަށް ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި އެ އޮފީހުގެ މަސައްކަތް ނިންމިދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ގަބޫލުނުކުރެއްވޭނަމަ އެ މުއްދަތު ހަމަވުމުގެ 30 ދުވަސް ކުރިން އެ އޮފީހުގެ މަސައްކަތް ނިންމާނެ ނިޒާމެއް ރައީސުލްޖުމްހޫރިއްޔާ ގާއިމުކުރައްވަންޖެހެ އެވެ. އެގޮތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މިދިޔަ އަހަރުގެ ނޮވެމްބަރު 17 ވަނަ ދުވަހު ވަނީ އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހުގެ މުއްދަތު މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްދެއްވައިފަ އެވެ.

އެ އޮފީހުން ބަލަމުން ގެންދިޔައީ 1 ޖެނުއަރީ 1953 އިން ފެށިގެން 17 ނޮވެމްބަރު 2018 އާ ހަމަޔަށް ދައުލަތުގެ މުއައްސަސާއަކުން ނުވަތަ ދައުލަތުގެ މުއައްސަސާއެއްގެ އިސް ހިންގުންތެރިއެއްގެ ގޮތުގައި މަސައްކަތްކުރި ފަރާތަކުން ނުވަތަ މަސައްކަތްކުރަމުންދާ ފަރާތަކުން ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގާފައިވާ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފު އަމަލުތަކާ ގުޅޭ މައްސަލަތަކެވެ.

ނަމަވެސް އެ އޮފީހުން ބަލަމުންދިޔަ އެއްވެސް މައްސަލައެއް އަދި ނިމިފައިނުވާއިރު އެކަމުން އެއްވެސް އެދެވޭ ނަތީޖާއެއް ވެސް ނެރެވިފައިނުވެ އެވެ. މިކަމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް ސަރުކާރަށާއި އެ އޮފީހަށް އަމާޒުވި އެވެ.